އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަން ބަދަލުވުމާއެކު މިނިސްޓްރީއަށް އައި ބަދަލު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ--- ފޮޓޯ/ މަޖިލިސް

''ވޮޝިންގްޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ'' ގެ ނަން، ''އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ''ގެ ނަމަށް ބަދަލުކުުރުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލުތައް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

މި އަހަރު އެ ކޮމިޓީން ބޭއްވި ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނަސްފައިވާ ބަދަލުތަށް މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ފާސްކުރެއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު ހުށަހެޅުއްވިއެވެ. މެމްބަރުގެ އެ ހުށަހެޅުއްވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާޢީދުކުރައްވާ، އެ ހުށަހެޅުން ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ބަދަލުތަކުގެތެރޭގައި ހިމެނެނީ އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅުނު ކަންކަމެވެ. އެގޮތުން އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުއާމަލާތްތައް ހިންގުމާއި، ރާއްޖެއާއި އެމެރިކާއާ ދެމެދު އެކުވެރިކަން އުފައްދަން އެމްބަސީން މަސައްކަތް ކުރަންވާނެއެވެ. އަދި އެމެރިކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންވައިފި ހިނދެއްގައި، އެންގެވި ފަރާތަކަށް އެ ޑޮކިއުމަންޓް ދޫކުރުން ވެސް ހިމެނެއެވެ.

ވޮޝިންޓަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ބަދަލު ކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ގެނެވުނު ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ ނޯޓުގައި ޖަހާނީ ނަންބަރު 488 އެވެ.

އެމެރިކާގެ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަން އިއުލާނުކޮށްފައި ވަނީ ވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެކަމާގުޅިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމެވީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ދުވަހަކު ވެސް ބަދަހިވެފައި ނުވާ ވަރަށް މިހާރު ބަދަހިވެފައި އޮތުމުން އެ ސިޓީގައި ރާއްޖޭގެ އެމްބަސީއެއް ހުރުން މުހިންމުކަމަށް ފެންނާތީ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގަ 2007 ވަނަ އަހަރު އެމެރިކާގަ ރާއްޖޭގެ އެމްބަސީއެއް ހުޅުވި ނަމަވެސް ބަޖެޓްގެ ތާށިކަމާހުރެ އެ އެމްބަސީ ވަނީ ޖެހިގެންއައި 2008 ވަނަ އަހަރު ބަންދުކޮށްފައެވެ.

ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާއިރު، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ރާއްޖެއާ އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރެވެ.

comment ކޮމެންޓް