މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރީ މަދުން ކަމަށާއި، އެކަމަކީ ފާހަގަނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ފޮނުވައި، ރިޕޯޓަށް މެމްބަރުން ބަހުސް ކުރައްވަން ފައްޓަވާފައިވާއިރު، މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ދިވެހި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރު މަދު ކަން ފާހަގަކުރައްވާފައެވެ.
އަދި، ކުރިއަށް އޮތް ދުވަސްތަކުގައި، އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތިސް، އިތުރު ގޮތް ގޮތަށް ވާހަކަ ނުދެއްކެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް ހުރި ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނޭ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް." ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރުމުގައި ބައެއް ކަންކަން ސާފުކޮށްފައި ނުވާކަން ފާހަގަކުރައްވައި ކަންބޮޑުވުންތަކަކާއެކު އެކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒުއަށް ރައީސް ނަޝީދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރު އިތުރަށް ހަރަދުކުރަން ފާސްކުރި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ހިމަނާފައިވާތީ ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ ފައިސާ އަދި ހަރަދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިނިސްޓަރު އެހެން ވިދާޅުވިނަމަވެސް އެފައިސާ ހަރަދުކޮށްފައިވާ ކަން ބަޖެޓް ކޮމިޓީގެ ރިޕޯޓުން ސާފުވާ ކަމަށާއި، އެކަން ކޮށްފައިވާ ނަމަ އެއީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވެއެވެ.
މީގެއިތުރުން، ފަސް ބިލިއަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާނީ މެމްބަރުން އެދޭ ގޮތަށް ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި މަޖިލީހަށް ހުށަހެޅޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ނުހިންގޭނަމަ އަތުން ކަންކަން ގެއްލޭ މިންވަރު ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.