ކުށުގެ ވެށިން ކުދިން އަނބުރާ އެބަ ގެނެވޭ، ނަތީޖާ ރަނގަޅު: ސްޓޭޓް މިނިސްޓަރު ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިންނާއި ކުށުގެ މާޙައުލަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖުތަމައުގެ ހަވާސާގެތެރެއަށް ގެނެސް އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލު ކުރަންފަށައި ކުރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓު މިހާރުގެ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ބަދަލު ކުރިތާ އިއްޔެއަށް ވަނީ ދެ އަހަރު ފުރިފައެވެ.

އެކަމުގެ މުނާސަބަތުގައި އެޑިޕާޓްމެންޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު "ސަން" އަށް ވިދާޅުވީ ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން މިހާރު އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެ ސިޔާސަތުގެ ދަށުން ތަންފީޒު ކުރަމުން އަންނަ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނަމަ ﷲގެ ވާގިފުޅާއެކު ދިވެހި ކުޑަކުދިން ކުށުގެ މާޙައުލަށް ހުށަހެޅޭ މިންވަރު ބޮޑުތަނުން މަދުކުރެވޭނެ ކަމަށެވެ.

އަދި، އޭނާ ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ބަރޯސާވާ އެންމެ މުހިންމު އަސާސަކީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުން އަދާކުރާ ޒިންމާއާއި ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ނަމުގައި ހިންގަމުން ދިޔަ އޮފީސް ޑިޕާޓްމެންޓްމެންޓަކަށް ބަދަލުކޮށް މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ޤާނޫނާ ޚިލާފްވާ 18 އަހަރުން ދަށުގެ މައްސަލަތައްފުލުހުން ހުށަހެޅުމުން އެކުދިންގެ މަސްލަހަތު ޙިމާޔަތް ކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވޯކް ކުރުން ހިމެނެއެވެ. އަދި އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި ތަޙްޤީޤް މަރުޙަލާގައި ކޯޓަށް ހާޒިރު ކުރެވޭ ކުދިންނާއި ޖިނާއީ ދައުވާ އުފުލިފައިވާ ކުދިންގެ މަސްލަހަތު ޙިމާޔަތް ކޮށްދިނުމަށްޓަކައި ކޯޓަށް ހާޒިރުވުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ޑައިވަރޝަން ޕްރޮގްރާމްތަކާއި ރިހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން ވެސް ހިމެނެއެވެ.

އަދި ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާއިމުކޮށް އެމަރުކަޒުތައް ހިންގައި ބެލެހެއްޓުން ފަދަކަންކަން ފާހަގަ ކޮށްލެވެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން މިހާރު ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާފްވޭ ހައުސްއެއް ތ. ވޭމަންޑޫގައި ހުޅުވާފައެވެ. އަދި، ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ދ. ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްވެސް އިމާރާތް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް