ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ދިވެހި މަހުގެ ބާވަތްތަކުން ރަނގަޅު އުފެއްދުންތައް އުފައްދައިގެން އެކްސްޕޯޓް ކުރުން ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމުން ރޭ ފޮނުވި ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ މަސް ބޭނުމަށްފަހު އެ އެ މަސް ފްރީޒްކޮށްގެން ތައިލެންޑް، ނޫނީ އިތުރު މާކެޓް ތަކަށް ވިއްކުމަކުން ރަނގަޅު ފައިދާއެއް ނުކުރާ ކަމަށެވެ.
"ބާނާ މަހުން ބޮޑު ފައިދާއެއް ކުރާނީ އޭގެން މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދައިގެން އެކްސްޕޯޓް ކުރަން ފެށީމަ. އޭރުން އެ ލިބޭ އެއްޗެއް މިހާރަށްވުރެ އެތައް ގުނައެއް އިތުރު ކުރެވުނީމަ މަސްވެރިންނަށް ދެވޭ އެއްޗެއް އިތުރު ކުރެވޭނީ،" ޑރ. ހުސައިން ވިދާޅުވިއެވެ.
ރާއްޖޭގައި ކަންތައް ހުރި ގޮތައް އިޝާރާތް ކުރައްވާ ޑރ. ހުސައިން ވިދާޅުވީ އެންމެ ބޮޑަށް މަސްބާނާ ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް، ރަނގަޅު ކުރެވިފައިނުވާ އިރު އިތުރު ކާރުޚާނާ ވެސް އެޅިފައެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"މިކަން ކުރަން ޖެހެނީ ކޮންމެހެން ސަރުކާރަކުން ނޫން. ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިއްމު ކަމަކީ ފޮރިން އިންވެސްޓްމެންޓް ތަކުން އަމިއްލަ މީހުންނަށް ޖާގަ ދީ އެކަން ކުރެވޭނެ ގޮތް ހަދައިދިނުން. ސަރުކާރުން ގަސްތު ކުރަނީ އެގޮތަށް އެކަން ކުރަން،" ޑރ. ހުސައިން ވިދާޅުވިއެވެ.
"މި ބަދަލުތައް ގެނެއުމަށް ވަގުތު އެބަ ނަގާ. އެކަމަކު ރައީސް ޞާލިޙުގެ ސަރުކާރުން މިކަމުގައި ކާމިޔާބު ހޯދާނަން،"
އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން މިފްކޯގެ ފެސިލިޓީ އަޕްގްރޭޑް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް އެމީހުންނަށް މަސްވެރިކަމުގެ ސިނާއަތުގައި އިތުރު ޖާގަ ހުޅުވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް މަތީ އަގު ހޯދުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ޑރ. ހުސައިން ފާހަގަ ކުރެއްވީ 2011 ވަނަ އަހަރު ތެރޭގައި އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމެވެ. އެ ބަދަލާ ގުޅިގެން ޔޫރަޕުން ލިބެމުން ދިޔަ ޑިއުޓީ އިނާޔަތްތައް ހުއްޓާލީ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.
ޑިއުޓީ ދެއްކުމުގައި ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސި ވިލާތާއެކު ވާހަކަ ދައްކުންކަން ފާހަގަ ކުރައްވާ ޑރ. ހުސައިން ވިދާޅުވީ އެ ވާހަކަތަކުގެ ތެރެއިން އިނގިރޭސި ވިލާތާއެކު މިހާރު ވަރަށް ބިނާކުރަނިވި ވާހަކަތަކެއް ދެކެވެމުން އެބަދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޔޫކޭއާއެކު އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވޭނެ. އާދެވުނީމަ ޑިއުޓީއާ ނުލާ ޔޫކޭއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ ކަމަށް އުއްމީދު މި ކުރަނީ،" ޑރ. ހުސައިން ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ކަނޑުމަހާއި މަހުގެ އުފެއްދުންތައް ޑިއުޓީއަކާ ނުލާ އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރުމާބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ މަހަށް ބޭރުގެ މާކެޓްތަށް ހޯދައިދީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.