ވޭތުވެދިޔަ އަހަރުތަކުގައި ރިސޯޓްތައް ވުޖޫދަށް އައީ އަދީބުގެ މަސައްކަތުން: އެމްޓީޑީ

ހުރުވަޅި ރިސޯޓް-- ފޮޓޯ/ ހުރުވަޅި

ވޭތުވެދިޔަ ހަތަރު އަހަރާއި އޭގެ ކުރީ ފަސް އަހަރު ވެސް ހުޅުވި ރިސޯޓުތައް ވުޖޫދަށް އައުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަޙުމަދު އަދީބު ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޓީޑީއިން ކުރި ޓްވީޓެއްގައި ބުނީ ނިމިގެންދިޔަ ހަތަރު އަހަރާއި އޭގެ ކުރީ ފަސް އަހަރު ހުޅުވި ރިސޯޓުތަކަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެ ގެނެސްދެއްވި އިންވެސްޓްމަންޓުތަކެއް ނޫންކަމަށެވެ. އެއީ ނައިބު ރައީސް ކަމުގައާއި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި އަދީބު ހުންނެވި ދުވަސްވަރު އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުން ހުޅުވި ރިސޯޓުތައްކަމަށް އެމްޓީޑީން ބުނެއެވެ.

އެމްޓީޑީން މިފަދަ ޓްވީޓެއް ކޮށްފައިވަނީ، ރައީސް ޔާމީނުގެ ދައުރުގައި ތަރައްގީ ކުރުމަށް ދިން ރިސޯޓުތައް ނިންމައި އަދުގެ ސަރުކާރުން "ރިބަން ކެނޑި" ކަމަށް ބުނެ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޕީޕީއެމުގެ ތަރުޖަމާނު މި މޭރުމުން ޓްވީޓެއް ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވިޓަކާ ގުޅިގެންނެވެ. މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓް އެނދުތަކުގެ 25 ޕަސެންޓް ވުޖޫދަށް އައިސްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އިޤްތިޞާދީ އަދި އުމުރާނީ ތަރައްގީއަށް ކޮށްފައިވާ އެކިއެކި މަޝްރޫއުތަކުގެ މިލްކުވެރިކަމުގައި ސަރުކާރާއި އިދިކޮޅު އެކި ޕާޓީތަކުން އަންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

މިގޮތުން އެންމެފަހުން ބޭނުންކުރަން ފެށި، ވެލާނާ އެއާޕޯޓުގެ އައު ރަންވޭއާ ގުޅޭގޮތުން މި ސަރުކާރުން ބުނީ އައު ރަންވޭ ބޭނުންކުރަން ފެށުނީ ރައީސް ޞާލިޙުގެ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

ކުރީގެ ރައީސް ޔާމީނުގެ ޕީޕީއެމުން ބުނީ އައު ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ޔާމީނުގެ ވެރިކަމުގައި ވާނީ ނިންމާފައިކަމަށެވެ.

އައު ރަންވޭ އާ ގުޅޭގޮތުން އެމްޓީޑީން ބުނެފައިވަނީ، އައު ރަންވޭ ތަރައްގީ ކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖެހުނީ އެޕާޓީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ބޭރަށް ވަޑައިގެން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. މި މަސައްކަތް ކުރެއްވި އިރު ރައީސް ޔާމީން އިންނެވީ ތާސްކުޅުއްވަން ކަމަށްވެސް އެމްޓީޑީން ވަނީ ބުނެފައެވެ.

comment ކޮމެންޓް