ބެންޒެމާ އެއް ނޫން، ބެންޒީމާ! މައުމޫން ގެ އިރުޝާދު މިފަހަރު ހުރިހާ ޕްރެސެންޓަރުންނަށް

ރައީސް މައުމޫން އަބްދުލްގައްޔޫމް --- ސަން ފަޔާޒު މޫސާ

މިރޭ ފަށާ ވޯލްޑްކަޕާ ގުޅުވައި ޓީމުތަކާއި ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރުމަށް ހުރިހާ ޓީވީ ޕްރެޒެންޓަރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިރުޝާދު ދެއްވައިފިއެވެ.

ރައީސް މައުމޫން މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ މިރޭ ވޯލްޑްކަޕް ފަށާކަން ފާހަގަކުރައްވާފައެވެ. އަދި އެންމެން ވެސް، ކުޅޭ ޓީމް ތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ރައީސް މައުމޫން ފާހަގަކުރެއްވީ ފްރާންސްގެ ތަރި ބެންޒީމާގެ ނަމެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ ކުޅުންތެރިޔާގެ ނަން ކިޔާއިރު ރަނގަޅު ގޮތަކީ ބެންޒެމާ ނޫން ކަމަށާއި ކިޔާނީ ބެންޒީމާ ކަމަށެވެ.

ރައީސް މައުމޫން އަކީ 1990އިން ފެށިގެން ކޮންމެ ވޯލްޑްކަޕަކާއި ޔޫރޯކަޕެއްގައި ޓިވީ ޕްރެޒެންޓަރުންނަށް ޓީމުތަކާއި އެ ޓީމުގެތަކުގެ ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ކިޔާނެ ގޮތުގެ އިރުޝާދު ދެއްވި ބޭފުޅެކެވެ. އެއީ އެމަނިކުފާނުގެ ޒައާމަތުގައެވެ.

މީގެ އިތުރުން ރައީސް މައުމޫން ފާހަގަކޮށްލެވެނީ ކުޅިވަރަށް ލޯބި ކުރައްވައި އެ ކުޅިވަރާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު އާއްމު ފަރާތްތަކަށް ހިއްސާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ގަތަރުގައި ކުޅޭ މިފަހަރުގެ ވޯލްޑަކަޕްގެ ފުރަތަމަ މެޗް އޮތީ މިރޭ 21:00ޖަހާއިރުއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އިކުއިޑޯއާއި ގަތަރެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ދިވެހީން ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ދިވެހިންގެ މެދުގައި ވޯލްޑްކަޕަށް އޮންނަ ފޯރި މިހާރުވެސް ދަނީ ފެންނަމުންނެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ބޮޑު ސްކްރީނުތަކުގައި ވޯލްކަޕް ދެއްކުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

comment ކޮމެންޓް