ދެ ތިން ގަޑިއިރަށް ފަހު ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓު ދީފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު އެ ސަރަހައްދު ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ.
ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، ސްޓެލްކޯއިން ވަނީ އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައެވެ.
ހިޔާ ޓަވަރުތަކުން ފެނާއި ކަރަންޓު ކެނޑި، އެ ޓަވަރުތަކުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ. ދިމާވި ދަތިތަކާއެކު ބައެއް މީހުން ވަނީ ފޭސް އެކަކާއި މާލެއަށް ވެސް އައިސްފައެވެ.
ދާދިފަހުން ވެސް ހިޔާ ޓަވަރުތަކުން ވަނީ ފެނާއި ކަރަންޓު ކެނޑިފައެވެ. އެ ފަހަރު ކަރަންޓު ކެނޑުނީ ބޯ ވިއްސާރައާއެކު ގުގުރި ވަގުތުގައެވެ. ނަމަވެސް އޭގެ 30 ވަރަކަށް މިނިޓު ފަހުން އެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.