ހުޅުމާލޭ ދެވަނަ ފިޔަވަހިން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭ ގެއްލުންލިބުމުގެ ސަބަބުން ކަމަށެވެ. އެކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހިޔާޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"މި މަސައްކަތަށް އެންމެ ގިނަވެގެންވެސް ހޭދަވާނީ ދެ ގަޑިއިރު ކަމަށް ބެލެވޭ،" ސްޓެލްކޯއިން ބުންޏެވެ.
ދާދިފަހުން ވެސް ހިޔާ ޓަވަރުތަކުން ވަނީ ފެނާއި ކަރަންޓު ކެނޑިފައެވެ. އެ ފަހަރު ކަރަންޓު ކެނޑުނީ ބޯ ވިއްސާރައާއެކު ގުގުރި ވަގުތުގައެވެ. ނަމަވެސް އޭގެ 30 ވަރަކަށް މިނިޓު ފަހުން އެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.