ފިލްމު 'އޫންޗާއީ' ވިޔަފާރީގެގޮތުން ވެސް ކާމިޔާބު

މިމަހުގެ 11ވަނަ ދުވަހު ރިލީޒްކުރި ޕްރޮޑިއުސަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "އޫންޗާއީ" ވިޔަފާރީގެގޮތުންވެސް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ފިލްމު ރިލީޒްކުރި ދުވަހުވެސް 1.81ކްރޯޑް ރުޕީސް ފިލްމަށްވަނީ ލިބިފައެވެ. މިހަފުތާގެ އާދީއްތަ ދުވަހާ ހަމައަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 3.65 ކްރޯޑް ރުޕީސްއަށް އެރުމުން ހަފުތާ ނިމޭއިރު ފިލްމަށް ވިޔަފާރީގެގޮތުން ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ބެލެވެއެވެ.

ނުރަސްމީކޮށް ބެލެވޭގޮތުން މިހާތަނަށް 10.50 ކްރޯޑް ރުޕީސް ފިލްމަށް ލިބިފައިވާކަމަށް ބެލެވެއެވެ. ކެރިއަރުގައި ރީތި ލޯބީގެ ފިލްމުތައް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސޫރަޖްގެ "އޫންޗާއީ"އަކީ ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދީފައިވާ ފިލްމެކެވެ.

އެކްޓަރު އަމީތާބް ބައްޗަން، އަނޫޕަމް ޚޭރް، ބޮމަން އިރާނީ، ޑެނީ ޑެންޒޮންގްޕާ، ބަތަލާ ޕަރިނީތީ ޗޯޕްރާ، ނީނާ ގުޕްތާ އަދި ކުރީގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ ސަރީކާ މިފިލްމުން ފެނެއެވެ.

މިފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އުމުރުން ދުވަސްވެފައިވާ ތިން ރަޙްމަތްތެރިޔަކު، އެމީހުންގެ ހަތަރު ވަނަ ރަޙްމަތްތެރިޔާއަށް ވެފައިވާ ވައުދެއް ފުރިހަމަކުރުމަށް މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕަކަށް ކުރާ ދަތުރުގެ ތަޖްރިބާތަކެކެވެ.

މިދަތުރުގެ ސަބަބުން ހަޤީޤީ މިނިވަންކަމުގެ އިޙުސާސްކުރެވި މިރަޙްމަތްތެރިންގެ ދިރިއުޅުން ވަރަށް ތަފާތުގޮތަކަށް ބަދަލުވާ މަންޒަރު ފިލްމުން ފެނެއެވެ. ފިލްމު "މެއިނޭ ޕިޔާރު ކިޔާ"، "ހަމް އާޕްކޭހޭ ކޯން" އަދި "ހަމް ސާތް ސާތްހޭ"އިން ދައްކުވައިދިން ޖާދޫ ފިލްމު "އޫންޗާއީ"އިންވެސް ޕްރޮޑިއުސަރު/ޑައިރެކްޓަރު ސޫރަޖް ދައްކުވައިދީފައިވާކަމަށް ބެލުންތެރިންވަނީ އެއްބަސްވެފައެވެ.

ފިލްމު ބެލުމަށްފަހު ބޮލީވުޑުގް ފަންނާނުންގެ އިތުރުން ސިނަމާއަށް ދިޔަ އޯޑިއަންސްގެ ގިނަ ބަޔަކުވަނީ ފިލްމުގެ ކާސްޓުންނަށްވެސް ވަރަށްބޮޑަށް ތައުރީފްކޮށްފައެވެ.

ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މިފިލްމުވަނީ ވަރަށްބޮޑަށް ކަމުގޮސްފައެވެ. އެހެންކަމުން ކުރިއަށްއޮތްތަނުގައި ފިލްމު ވިޔަފާރީގެގޮތުން ކާމިޔާބުވުމުގެ އިތުރަށް ސޫރަޖްގެ ކެރިއަރަށް އިތުރު ކާމިޔާބީގެ ބޮޅެއް އިތުރުވާނެއެވެ. މިފިލްމުގެ އިތުރުން ޕްރޮޑިއުސަރު ސޫރަޖް އަންނަނީ އެކްޓަރު ސަލްމާން ޚާންއާއެކު އިތުރު ފިލްމެއްގެ މަސައްކަތްކުރުމަށް ރާވަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް