ފާއިތުވި އަހަރުތަކުތެރޭ ޖަޕާނުން ވަނީ އެގައުމަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ އިތުބާރު ކުރެވޭ އެއް ބައިވެރިޔާކަން ސާބިތުކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ވަނީ ޖަޕާނުގެ އެމްޕެރާ ނަރުހީޓޯއަށާއި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ޖަޕާނުގެ އެމްޕެރާ ނަރުހީޓޯއަށް ރައީސް ފޮނުއްވި މެސެޖުގައި ވަނީ، ޖަޕާނުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިޞާދީ ކުރިއެރުމަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށް އެކަށޭނަ ބަދަލުތަކެއް އައިސްފައިވާކަމަށް އެ މެސެޖުގައިވެއެވެ.
ޖަޕާނުގެ ބޮޑުވަޒީރަށް ރައީސް ވަކިން ފޮނުއްވެވި މެސެޖުގައި ވަނީ، ދެގައުމުގެ ގުޅުން ކުރިއަރާފައި ވަނީ، ޑިމޮކްރަސީއަށާއި، ސުލްހައާއި، އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމުގެ ސަބަބުންކަމަށެވެ.
މީގެއިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ވެސް މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ޖަޕާނާއި ދިވެހި ސަރުކާރު ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.
ޖަޕާނުގެ ހިލޭއެހީގެ ދަށުން ރާއްޖޭގައި މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. އެގޮތުން ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާ ތަރައްގީކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ޖަޕާނުން ރާއްޖެއަށް އެހީތެރިވެފައިވެއެވެ.