ދިހަހާސް ހަމަކުރުމަށް މެމްބަރުން ކުރި މަސައްކަތަށް ސިޔާމް ޝުކުރު އަދާކުރައްވައިފި

އެމްޑީއޭ އައްޑޫ ފޯކަލް ޓީމްގެ ފަރާތުން އަލަށް ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމްތައް، ޕާޓީގެ ރައީސް އަހްމަދު ސިޔާމްގެ އަތްޕުޅަށް އެރުވުން ---

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް 10،000 މެމްބަރުން ހަމަކުރުމަށް އެ ޕާޓީގެ މެމްބަރުން ކޮށްދިން ބުރަ މަސައްކަތަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

އެމްޑީއޭއަށް މެމްބަރުން އިތުރުކުރުމަށް އަތޮޅުތެރޭގައި ފޯމް ފުރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރަމުން އަންނައިރު މިހާތަނަށް ވަރަށް ގިނަ ބަޔަކު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.

އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިހަހާާސް މެންބަރުން ހަމަކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް މިހާރު ވަނީ އަންގާފައެވެ.

އެމްޑީއޭގެ އަމާޒަށް ވާސިލުވުމަށް މެމްބަރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި ސިޔާމް މިއަދު ވަނީ އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިޔާމް ވިދާޅުވީ އެމްޑީއޭއަށް އަވަސް މުސްތަގުބަލެއްގައި 10،000 މެމްބަރުން ހަމަކޮށްދިނުމަށް ޓަކައި ޕާޓީގެ މެމްބަރުން ކޮށްދިން ބުރަ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށެވެ.

"އެމްޑީއޭއަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ދިހަހާސް މެމްބަރުން ހަމަކޮށްދިނުމަށް ޓަކައި ޕާޓީގެ ނައިބު ރައީސުންނާއި ގައުމީ ކައުންސިލްގެ މެމްބަރުންނާއި ސެކްރެޓޭރިއެޓް، އަދި ޕާޓީގެ އާއްމު މެމްބަރުން ކޮށްދެއްވި އިޚުލާސްތެރި، ބުރަ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް މަރުހަބާ،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ މެމްބަރުންގެ މަސައްކަތަށް ސިޔާމް ވަނީ ޝުކުރުއަދާކުރައްވާފަ --

އެމްޑީއޭގެ ނައިބު ލީޑަރު ޑރ. އައިޝަތު ރަފިއްޔާ "ސަން"އަށް ވިދާޅުވީ އެ ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވިފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު އަންގާފައިވާ ކަމަށެވެ.

ޑރ. ރަފިއްޔާ ވިދާޅުވީ ފާއިތުވީ ހަތަރު ވަރަކަށް އަހަރު ތެރޭގައި ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި އޮތްއިރު ދެން ހުރި ޕާޓީތަކުން މަސައްކަތް ކުރަމުން އައީ ވަރަށް ހަރަކާތްތެރިކޮށް ކަމަށެވެ. އެހެންކަމަށްވާއިރު އެ މަސައްކަތްތަކަށް ގޮންޖެހުމަށްފަހު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަކުރެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހާރު އޯލްރެޑީ އިލެކްޝަންގައި ހުރި ފޯމްތަކާއި އިތުރަށް ލިބުނު ފޯމްތަކާއެކު ފަސްހާސް މީހުން މި ހަމަވީ. އެހެންވީމަ އަޅުގަނޑުމެންގެ ޓާގެޓަކީ މިމަސް ނިމެންވާއިރަށް އިރާދަފުޅު ކުރެއްވިއްޔާ 15،000 މެންބަރުން ހަމަކުރުން،" ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

އެމްޑީއޭއިން މަސައްކަތް ކުރަނީ މި އަހަރު ނިމެންވާއިރަށް ޕާޓީއަށް 30،000 މެމްބަރުން ހަމަކުރުމަށެވެ. ޑރ. ރަފިއްޔާ ވިދާޅުވީ އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެހާތަނަށް އަންނަ އިރު ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ.

ސިޔާމް ވިދާޅުވެފައިވަނީ 2023 ކާމިޔާބުކުރާނީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައިކަމަށެވެ. އަދި އެމްޑީއޭގެ އަމާޒަކީ ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް