މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް މުދާ އިމްޕޯޓު ކުރި މިންވަރު އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ އޮކްޓޯބަރު މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްވުރެ 24 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 294 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ އޮކްޓޯބަރު މަހު ދައުލަތަށް 364 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު 8.7 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިއާއިންނެވެ. އިންޑިއާއިން 681 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އޮމާންއިންނެވެ. އެއީ 513 މިލިއަން ރުފިޔާގެ މުދަލެވެ. ތިންވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ސިންގަޕޫރުންނެވެ. އެއީ 510 މިލިއަން ރުފިޔާގެ މުދަލެވެ.
އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. ދެވަނައަށް އެންމެ ގިނައިން ޖަރުމަނަށް އެކްސްޕޯޓުކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓްކުރީ މޮރީޝަސްއަށެވެ.
ކޮންމެ މަހަކު ވެސް ކަސްޓަމްސްއިން އަންނަނީ އެ އިދާރާގެ މަސައްކަތްތަކާއި އެކްސްޕޯޓު އިމްޕޯޓާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރަމުންނެވެ.