މަސްވެރިންނަށް ފައިސާ ނުދޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް -- ފޮޓޯ/ މަޖިލިސް

ހޮރައިޒަން ފިޝަރީސްއިން މަސް ކިރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގަމު ދާއިރާގެ މުހައްމަދު ވިސާމެވެ. އެއް މަޟޫއެއްގެ ދެ މައްސަލައަށް ވުމާއެކު ގުރުއަތު ނަގައިގެން މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު ލިބުނީ މެމްބަރު ވިސާމަށެވެ.

ވިސާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީސްއަކީ ލ. އަތޮޅާއި ތ. އަތޮޅުގައި މަސްވެރިކަން ކުރަމުންދާ މަސްވެރިންނަށް މުހިންމު ތަނެއް ކަމަށާއި، ބާނާ މަސް ނުކިރުމުގެ މައްސަލަ އާއި ކިރާ މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަތައް ފުނިޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައިކަމަށެވެ. އެގޮތުން މިވަގުތުވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން ފައިސާ ހޯދުމަށް އިޖުތިޖާޖު ކުރަމުންދާ ކަމަށް މެމްބަރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

އަދި، އެކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިއީ މަސްވެރިކަން އެ ސަރަހައްދުގައި ހުއްޓިދާނެ ފަދަ ކަމެއްކަމަށާއި، މިއީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ އެމީހުންނަށް ލިބެންޖެހޭ އާމްދަނީ ހިފެހެއްޓުން ކަމުގައި ދެކޭ ކަމަށްވެސް އެ މައްސަލައިގައިވެއެވެ.

މީގެއިތުރުން، މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތް ކޮށް، ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް، މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ އިއްޔެ މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާ ހޫނުވެ، ފުލުހުންވަނީ މުޒާހަރާކުރަމުން ދިޔަ މަސްވެރިންގެ މޫނަށް ޕެޕާ ސްޕޭވެސް ޖަހާފައެވެ.

މިކަމާ ގުޅިގެން ހޮރައިޒަން އިން ބުނެފައިވަނީ ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކާ ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޮރައިޒަން އިން ވަނީ ބުނެފައެވެ.

މިމައްސަލަ މަޖިލީހުން ބަލައިގަނެފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް