ވިލިމާލޭގައި ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރުތަކެއް ހަވާލުކޮށްފި

ވޯލްޑް ކަޕަށް ހާއްސަ ޕްރޮޖެކްޓަރުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ވިލިމާލޭގެ ހަތަރު ސަރަހެއްދެއްގައި ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީންގައި ދެއްކުމަށްޓަކައި ޕްރޮޖެކްޓަރުތައް އެދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިލިމާލޭގެ ޒުވާނުންނަށް ހަދިޔާ ކޮށްފިއެވެ.

ރޭ ބޭއްވި ހަފްލާގައި ހަތަރު ސަރަހައްދެއްގައި ހަތަރު ޕްރޮޖެކްޓަރު ބެހެއްޓުމަށް ހަމަޖެހިފައިވާ ވާހަކަ ނަހުލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕްރޮޖެކްޓަރުތައް ހަވާލު ކުރީ ވައިޑީ، ޓީއެފްޓީ، ބޫޗީސް އަދި ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށެވެ.

އެގޮތުން ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށް ބެހެއްޓޭ ޕްރޮޖެކްޓަރު ހުންނާނީ ވިލިމާލެ ބޭންކް އޮފް މޯލްޑިވްސްއާ ޖެހިގެން އޮންނަ ހުސްބިމުގައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ނަހުލާ ވަނީ ވިލިމާލޭގައި ބޮޑު ފުޓްސެލް ދަނޑެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އެދަނޑުގެ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ފެށޭނެ ކަމުގެ ޔަގީންކަން ނަހުލާ ވަނީ ދެއްވާފައެވެ.

ވޯލްޑް ކަޕަށް ޚާއްސަ ޕްރޮޖެކްޓަރުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

"ދެ ޖިންސު ހިމެނޭ ގޮތަށް ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން ވިލިމާލޭގައި ތިބުމާއެކު، ވިލިމާލޭގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތަށް އެއް ސަރަހެއްދައި ކުޅިވަރު ކޯޓްތައް ގާއިމް ކޮށްދެއްވައި މިކަމުގއި މަގުފައި ކޮށްދެއްވުން އެދި ސަރުކާރުގައިވެސް ދަންނަވާ، އަދި ހަމަ އެހެންމެ މާލެ ސިޓީ ކައުންސިލްގެ ތެރެއިންވެސް އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ވިލިމާގެ ޒުވާނުންނަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެކެވެ. އަދި އެ ޒުވާނުން ކުޅިވަރުގެ ދާއިރާއިންވެސް ކުރިއަރައިގެން ދާތަން ފެނުމަކީ ލިބޭ އުފަލެއް ކަމުގައިވެސް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް