މާދަމައަކީ ދުނިޔޭގެ އާބާދީއަށް 8 ބިލިއަން މީހުން ހަމަވާނެ ދުވަސް ކަމަށް ޔުނައިޓެޑް ނޭޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެއްވަގުތެއްގައި ދުނިޔޭގެ އުޅޭނެ މީހުންގެ ސީދާ އަދަދެއް އެއްވެސް ބަޔަކަށް ނޭނގެއެވެ. ނަމަވެސް ޔުނައިޓެޑް ނޭޝަންސް އިން އެއްކުރަމުން އަންނަ މައުލޫމާތުތަކަށް ބަލާނަމަ ދުނިޔެއަށް މިހާތަނަށް އުފަންވި މީހުންގެ އަދަދު އަށް ބިލިއަނަށް މާދަމާ އަރާނެއެވެ.
ދުނިޔޭގެ އާބާދީ އިތުރުވަމުން އަންނަނީ ހަލުވި ސްޕީޑެއްގައެވެ. އެގޮތުން ހަތް ބިލިއަނުން އަށް ބިލިއަނަށް އާބާދީ އަރާފައިވަނީ 11 އަހަރުގެ ތެރޭގައެވެ. އެގޮތުން 2011 ވަނަ އަހަރުގައި ދުނިޔޭގެ އާބާދީ ހަތް ބިލިއަން މީހުނަށް އެރިއެވެ.
ދުނިޔޭގެ އާބާދީ ހަލުވި ސްޕީޑެއްގައި އިތުރުވަމުން އައި ނަމަވެސް ދުނިޔޭގެ އާބާދީ އިތުރުވާ ރޭޓު އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އާބާދީ ކުރިއަށް އޮތް ތަނުގައި ވާނީ ކުޑައެވެ.
ފާޓިލިޓީ ރޭޓު ވެސް ދުވަހެއް ދުވަހަކަށް ދަށް ވަމުން އަންނަ އިރު އާބާދީގައި މިހާރު އެއްވަގުތު ގިނަ ބަޔަކު އުޅޭ މިންވަރަކަށް ދެން މީހުން އެއްވަގުތަކު ދިރިއެއް ނޫޅޭނެއެވެ.
މާނައަކީ ކުރިއަށް އޮތް ތަނުގައި ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑުވުން އެކަށީގެންވެއެވެ. ޔުނައިޓެޑް ނޭޝަންސް އިން ލަފާކުރާގޮތުގައި ދުނިޔޭގެ އާބާދީ އިތުރުވާ ރޭޓު މަޑު ޖެހެމުން ދިޔަ ނަމަވެސް 2050 ވާން ވާއިރަށް އާބާދީ 10 ބިލިއަނާ ގާތް ކުރާނެއެވެ.
ކުރިއަށް އޮތް ތަނުގައި ލަފާކުރެވޭ ގޮތުގައި ގައުމުތަކުގެ އާބާދީ ވެސް ކުޑަވާނެއެވެ. މިހާރުވެސް އެ ނަތީޖާ ބައެއް ގައުމުތަކުން އަންނަނީ ދައްކަމުންނެވެ. އެގޮތުން ބަލްގޭރިއާ އާއި ލިތުއޭނިއާ އަދި ލެޓްވިއާ އާއި ސާބިއާގެ މިދިޔަ އަހަރުގެ އާބާދީއަށްވުރެ މިއަހަރުގެ ޖުމްލަ އާބާދީ ވަނީ އެއް ޕަސެންޓް ދަށް ވެފައެވެ. އޭގެ މާނައަކީ އެކި ސަބަބުތަކާ ގުޅިގެން މަރުވާ މީހުން އިތުރުވެ އަލަށް އުފަންވާ ކުދިންގެ މިންވަރު މަދުވުމެވެ.
ދުނިޔޭގެ އާބާދީއަށް ބަލާއިރު އެންމެ މީހުން ގިނައީ ޗައިނާގައެވެ. ދެވަނަ އަށް އިންޑިއާގައެވެ.