ގަރާޖުގައި ރޯވުން: ވަގުތީ ބޯހިޔާވަހިކަން 18 ދިވެހިންނަށް، ހަ ކުޑަކުދިން ހިމެނޭ

މ. ނިރުފެހީގައި ހިންގާ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޝުއައިބު މުހައްމަދު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މ. ނިރުފެހީގައި އަލިފާންރޯވެ ހިނގި ހާދިސާގެ ސަބަބުން މިވަގުތު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ 33 މީހުންނަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ވަނީ، މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މީހުންގެ ތެރޭގައި 18 ދިވެހިން ހިމެނޭކަމަށެވެ. އެއީ، 12 އަންހެނުންނާއި ހަ ފިރިހެނުންނާއި ހަ ކުޑަކުދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ބިދޭސީންގެ ތެރޭގައި ހިމެނެނީ 15 މީހުންނެވެ. އެއީ، ހަތް އަންހެނުންނާއި އަށް ފިރިހެނުންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތަކާއި 14 އިންޑިޔާ ރައްޔިތުންނެވެ.

އެންޑީއެމްއޭއިން ބުނީ، ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ސްކޫލު ކުދިން އަނބުރާ ސްކޫލަށް ފޮނުވުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލުތަކުން ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓާއި ޖެންޑާ މިނިސްޓްރީން މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ދަނީ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރެޑް ކްރެސެންޓާއި އެންޑީއެމްއޭއިން ގުޅިގެން މި ހާދިސާގައި ބޯހިޔާވަހިކަން ގެއްލިފައިވާ ބިދޭސީ މަސައްކަތްތެރީންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްއޭގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މި ހާދިސާގައި އަލިފާނުގެ އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީން ފަށާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގައާއި، އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، މި ފަރާތްތަކަށް ބޭނުންވާ ހައިޖީން ކިޓު ހޯދުމަށާއި، އަދި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި ޖުމުލަ 135،471.80 ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކޮށްފައެވެ،" އެ ބަޔާނުގައި ވެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތަކެއް ހަދާފައިވާ އިމާރާތެއްގައެވެ.

އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު މިއީ ރާއްޖޭގައި ހިނގި މިވަރުގެ އެންމެ ބޮޑު ހާދިސާއެވެ.

comment ކޮމެންޓް