ސިނާއީ މަސައްކަތްތަކަށް ރަށަށް ބިން އިތުރުކޮށްދޭން ބަނޑިދޫ ކައުންސިލުން އެދިއްޖެ

ބަނޑިދޫ ކައުންސިލުން ރައީސާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދ. ބަނޑިދޫގައި ކުނިނައްތާލުމަށާއި އޮޑިދޯނިފަހަރު އެހެލައިބޭލުމަށާއި ސިނާއީ މަސައްކަތްތައް ކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ރަށަށް ބިން އިތުރުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެދިއްޖެއެވެ.

ކައުންސިލުން މިކަމަށް އެދުނީ ރައީސް އޮފީހުގައި ބަނޑިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު މެންދުރުފަހު ރައީސް ބޭއްވެވި ބައްދަލުވުމެއްގައެވެ.

ބަނޑިދޫ ކައުންސިލުން ރައީސާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ކައުންސިލުން ވަނީ މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ރަށުގައި ހިނގަމުންދާކަން ފާހަގަކޮށް ރައީސްއަށާއި ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. މިގޮތުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކާއި، ފުޓްސަލް ދަނޑާއި، އާ ވޮލީކޯޓެއްގެ އިތުރުން އާއިލީ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތްތައް ފަދަ މިހާރު ކުރިއަށްދާ ނުވަތަ ފެށުމަށް ތައްޔާރުވެފައިވާ ބައެއް މަޝްރޫއުތައް ކައުންސިލުން ފާހަގަކުރިއެވެ.

އެ ކައުންސިލުން ވަނީ، ރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި އިތުރު ނުވަ ކްލާސްރޫމް ބޭނުންވާކަމާއި، ރަށްގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކޮށް، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ އިމާރާތެއް ބޭނުންވާ ކަމަށް ބުނެފައެވެ. އަދި، އެރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމާއި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރިއެވެ.

ބަނޑިދޫ ކައުންސިލުން ރައީސާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްގީއަށް ކުރިއަށްދާ އަދި ކުރިއަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މިހާރު އޮތީ ބިޑުކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނޑިދޫ ސްކޫލްގެ ހަތަރު ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓިޕާޕާސް ހޯލެއް އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގައިވެސް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް