ޕާޓީކޮށްގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޑީއީޑީ ފުލުހެއް، މިހާރު ސަސްޕެންޑުކޮށްފި

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ބޭނުންކޮށެގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުހެއް ހިމެނޭތީ އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އައިމިނަތު ރިޝްފާއާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން ޑީއީޑީއިން ހިންގި އޮޕަރޭޝަނެއްގައި ފުލުހަކު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ މެސެޖުގައިވެއެވެ.

މީގެ އިތުރުން، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެ މީހަކީ ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ.

ހަމައެއާއެކު، އޭނާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނާނެ ކަމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ޖަހައިފައެވެ. އަދި ހުނޫގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއް ވެސް މީގެކުރިން ފެންމަތިވިއެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ހުނޫ ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ. ހުނޫ ކްރިމިނަލް ކޯޓުން، ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

comment ކޮމެންޓް