ޒުވާނެއްގެ ބަނޑަށް ވަޅި ހެރި މައްސަލަ: އަނިޔާވި މީހާ ދެ މަސް ފަހުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ

އޭނާއަށް ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން -- ފޮޓޯ/ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ށ. މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހެރި މައްސަލައިގައި އަނިޔާވި މީހާ، މީގެ ދެ މަސް ފަހުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ވަޅީގެ ޒަޚަމަކާއެކު އެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 31 އަހަރުގެ ޒުވާނާގެ ފުރަތަމަ އޮޕަރޭޝަން ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ހޮސްޕިޓަލުން ބުނީ އޭނާ ގެންގޮސްފައިވަނީ ވާތު އަރިކަށްޓަށް ލިބިފައިވާ ޒަޚަމަކާއެކު ކަމަށެވެ. އަދި އޭނާއަށް ވަގުތުން ފަރުވާދީ، އިތުރު ބެލުންތައް ބެލުމަށް ސީޓީ ސްކޭން ހެދި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭގެ އިތުރުން އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓުގެ ލަފާގެ މަތިން ސީޓީ ސްކޭނުން ފާހަގަވި ކަންތައްތަކަށް ބަލައި، ޑައިގްނޯސްޓިކް ލެޕަރޮސްކޯޕިކް ސާޖަރީއެއް ހެދުމަށް ނިންމި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ އޮޕަރޭޝަން ތިން ގަޑިއިރަށް ފަހު ކާމިޔާބުކަމާއެކު ނިންމާލެވުނުކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ގޮހޮރަށް ގެއްލުން ލިބިފައިވާ ބައި ބުރިކޮށްލާފައިވާ ކަމަށާއި ނަމަވެސް ދެ މަސް ދުވަސް ފަހުން އަދި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާ ލިބުނީ ރިސޯޓެއްގައި މަސައްކަތް ކުރާ އެރަށު މީހަކަށެވެ. އަދި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހަކަށް ކަމަށް މާއުނގޫދޫ ކައުންސިލުން ބުނެފައިވެއެވެ. އެ މީހާ އެދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް