ޖަޕާނުގެ ހިލޭ އެހީގެ ދަށުން ފޯކައިދޫ ސްކޫލަށް ދެ ކްލާސްރޫމް

ހިލޭ އެހީގެ ދަށުން ތަރައްގީކުރި ދެ ކްލާސްރޫމް -- ފޮޓޯ/ ޖަޕާން އެމްބަސީ

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ށ. ފޯކައިދޫ ސްކޫލުގައި ތަރައްގީ ކުރި ދެ ކްލާސްރޫމް އެ ރަށު ސްކޫލާ ހަވާލުކޮށްފިއެވެ.

މި ދެ ކްލާސްރޫމު ތަރައްގީކުރުމަކީ 2020ވަނަ އަހަރުގެ ފެބްރުއަރީ 20ވަނަ ދުވަހު ޖަޕާން އެމްބަސީއާއި ފޯކައިދޫ ސްކޫލާ ދެމެދު ސޮއިކުރި ހިލޭ އެހީ އެއްބަސްވުމުގެ ދަށުން ކުރެވުުނު މަސައްކަތެކެވެ.

އެގޮތުން 85،522 އެމެރިކާ ޑޮލަރުވަނީ އެ މަޝްރޫއުގެ ބޭނުމަށް ހިލޭ އެހީގެ ގޮތުގައި ޚަރަދުކޮށްފައެވެ.

މިއީ ޖަޕާނު ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުން ދިން އެހީތެރިކަމެކެވެ.

ހިލޭ އެހީގެ ދަށުން ތަރައްގީކުރި ކްލާސްރޫމް ހަވާލުކުރުން -- ފޮޓޯ/ ޖަޕާން އެމްބަސީ

މި މަޝްރޫގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ރަނގަޅު ފެންވަރުގައި ތައުލީމް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމެވެ.

ޖަޕާން އެމްބަސީންވަނީ އެ މަޝްރޫއު ހިންގުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ފޯކައިދޫ ސްކޫލުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށްފައެވެ.

ޖީޖީޕީއަކީ ޖަޕަނީޒް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ދަށުން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން އިޖްތިމާއީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން ސިއްހީ ޚިދުމަތްތަކާއި ތައުލީމީ ޚިދުމަތްތަކުގެ އިތުރުން ދަތުރުފަތުރުފަދަ ދާއިރާތައް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު ހަކަތަ އުފެއްދުމުގައި ދެމެހެއްޓެނިވި ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން ވެސް އެހީތެރިވާނެއެވެ.

comment ކޮމެންޓް