ބާޖު ބަންޑުން ޖަހާލުމުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ އަދިވެސް ނުފެނޭ

އިއްޔެ ބަންޑުން ޖަހާލި ބާޖް: އޭގެން ބިދޭސީއެއް ވަނީ ގެއްލިފައި--

ގދ. ފަރެސްމާތޮޑާ އާ 14 މޭލު ބޭރުން މުދާ އުފުލާ ބާޖެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ފެނިފައިނުވާތީ އަދި ވެސް ކުރިއަށް ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާގެ ވަނަވަރެއް އަދި ހާމައެއް ނުކުރެއެވެ.

އެ ހާދިސާ ހިނގިކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ 12:50ހާއިރެވެެ. އެ ބާޖަކީ ފަރެސްމާތޮޑާއިން ފުރައިގެން އައްޑުއަށް ދަތުރުކުރަމުން ދިޔަ ބާޖެކެވެ. އޭރު އޭގައި ދަތުރުކުރީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ.

އޭގެ ތެރެއިން ދެ ދިވެހީންނާއި ބިދޭސީ އެއް ފެނިގެން ސަލާމާތްކުރީ އެ ސަރަހައްދުން ދަތުރުކުރި ސީވީޑް ކިޔާ ދޯންޏަކުންނެވެ.

އެއާއެކު އެ ތިން މީހުން ވަނީ ގދ. ވާދޫއަށް އިއްޔެ ހަވީރު ގެންގޮސްފައެވެ.

ހޯދުމުގެ މަސައްކަތަށް ލިބޭ ކުރިއެރުމާއި އެ ހާދިސާގެ އިތުރު ތަފްސީލް ހާމަކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް