ޝިމާޒަށް އިންޒާރެއް ދިނުމަށްފަހު، ސައިކަލަށް ގެއްލުން ދީފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޝިމާޒް އަލީއަށް އިންޒާރު ދިނުމަށްފަހު، އޭނާގެ ސައިކަލަށް ބަޔަކު ގެއްލުން ދީފިއެވެ.

ފުލުހުންނަށް ޓެގްކޮށް ޝިމާޒް ކުރެއްވި ޓްވީޓްގައި ލިޔެފައިވަނީ ދޮގު ތުހުމަތުތަކެއް ބޮލުގައި އެޅުވުމަށްފަހު ސައިކަލް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެ ޓްވީޓުގައި މަޑި ކަފާލާފައިވާ ފޮޓޯއަކާއެކު އިންޒާރު ދީފައިވާ ވަޓްސްއެޕް މެސެޖެއް ހިމަނާފައިވެއެވެ.

ޝިމާޒް ވިދާޅުވީ ސައިކަލަށް ގެއްލުން ދިނުމުގެ އިތުރުން އާއިލާއަށް ގުޅާ އިންޒާރު ވެސް ދެމުން އަންނަ ކަމަށެވެ.

"ދޮގު ތުހުމަތު އަޅުވާފައި ސައިކަލް ހަލާކުކޮށްފައި އިންޒާރުގެ މެސެޖްކޮށްފައި އެވަރުން ނުވެގެން މިހާރު އާއިލާއަށް ގުޅާފައި އިންޒާރު ދޭން ފެށީ ކޮންކަމެއް ނުވެގެންބާ؟،" ޝިމާޒްގެ ޓްވީޓްގައި ވެއެވެ.

ޝިމާޒްގެ ސައިކަލްގެ މަޑި ކަފާލާފައި --

އެމްއާރްއެމްގެ ސްލޮޓެއްގައި އެ މިނިސްޓްރީގެ ނައިބަކަށް އައްޔަނު ކޮށްފައިވާ ޝިމާޒްގެ ސައިކަލަށް ބަޔަކު ގެއްލުން ދީފައިވާއިރު، ކޮރަޕްޝަންގެ މުޑުދާރު ޢަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި އޭނާ މަގާމުން ވަކިކޮށްދޭން އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަޙުލާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ދާދިފަހުން ސިޓީފުޅެއް ފޮނުއްވާފައެވެ.

ނަހުލާގެ ސިޓީފުޅުގައި މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ ނަހުލާގެ ސިޓީ ލިބިފައިވާކަމަށެވެ. އަދި އެކަންކަން ބެލުމަށްފަހު އަޅާންޖެހޭ ފިޔަވަޅެއް އޮތްނަމަ، އަޅާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް