އެމެރިކާގައި 'ވޮއިސް ޝޮޕިން'ގެ ޚިދުމަތް ފަށަން ޓިކްޓޮކުން ނިންމައިފި

އެމެރިކާގައި ޓިކްޓޮކް މަނާ ކުރަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މަސައްކަތް ކުރެއްވި -- ފޮޓޯ/ ގެޓީ

އެމެރިކާގައި 'ވޮއިސް ޝޮޕިން'ގެ ޚިދުމަތް ފަށަން ޓިކްޓޮކުން ނިންމައިފިއެވެ.

ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއިން ވަނީ އާ ޓެކްނޮލޮޖީއެއް ޓްރޭޑްމާކް ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. ބޭރުގެ ނޫސްތަކުގައިވާ ގޮތުން، އެއީ އޮންލައިން ޝޮޕިން ކުރުމަށް އިނގިލިތައް ބޭނުން ކުރުމުގެ ބަދަލުގައި އަމިއްލަ އަޑުން ތަކެއްޗަށް އޯޑަރުކޮށް ހެދުމަށް މަގުފަހިކޮށްދޭނެ ޓެކްނޮލޮޖީއެކެވެ.

މި ޓެކްނޮލޮޖީގެ އެހީގައި ޔޫޒަރުންނަށް އެމީހުންގެ އަޑުން ވާހަކަ ދައްކައިގެން ވިޔަފާރިތައް ކުރިއަށް ގެންދިޔުން ފަދަ އިތުރު ޚިދުމަތްތައް ހޯދޭނެއެވެ.

ބައިޓްޑާންސް އިން ދެކޭ ގޮތުގައި 'ވޮއިސް ޓެކްނޮލޮޖީ'އަކީ ވަރަށް މުހިންމު ޓެކްނޮލޮޖީއެކެވެ. އެހެންކަމުން އެ ކުންފުނިން ދަނީ ވޮއިސް ޓެކްނޮލޮޖީ ރިމޯޓާއި ލައިޓާއި ޓީވީ އަދި އޭސީ ކޮންޓްރޯލަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އަޑު ބޭނުންކޮށްގެން ޚަބަރާއި މޫސުން ފަދަ ކަންތައްތައް ވެސް ކުރެވޭނެ ގޮތް ހެދުމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގެ ލޯފާމެއް ކަމަށްވާ "ގޭރްބެން ލޯ ފާމް"ގެ އެޓާނީ ޖޯޝް ގޭބެން ބުނީ ބައިޓްޑާންސް ފަދަ ކުންފުންޏަކުން ޓްރޭޑްމާކަށް ހުށަހަޅާއިރު އާ ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު މާ ތަފްސީލުކޮށް ނުހިމެނުމަކީ އާންމު ކަމެއް ކަމަށެވެ.

ޓިކްޓޮކްގެ ތަރުޖަމާނު، ލޯރާ ޕެރެކްސް ވަނީ މި އާ ޓެކްނޮލޮޖީ ކުރިއަށް ގެންދާނެކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގައި މި ފީޗާ ޓެސްޓް ކުރަމުންދާ ކަމަށް އޭނާ ބުނި ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއެވެ. މީގެ ކުރިން ޔޫކޭ، އިންޑޮނޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް ވޮއިސް ޓެކްނޮލޮޖީ ޓެސްޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް އާ ޝޮޕިން ޕްރޮގްރާމްގައި ބައިވެރިވުމަށް ޓިކްޓޮކުން މިހާރު ދަނީ އެމެރިކާގެ ވިޔަފާރިތަކަށް ދައުވަތު ދެމުންނެވެ. މި ޕްރޮގްރާމް ލޯންޗްކުރުމާއެކު ބައިނަލްއަޤްވާމީ ވިޔަފާރި ވެރިންނަށް ވެސް މި ޚިދުމަތް ފުޅާވެގެންދާނެއެވެ.

ވޮއިސް ކޮމާންޑް މިހާރު ވެފައިވަނީ ގިނަބަޔަކު ގަޔާވާ ފީޗާއަކަށެވެ. ގޭގައި ބޭނުންކުރާ އިތުރު ޑިވައިސްތަކުން މިހާރު މި ޓެކްނޮލޮޖީއަށް ސަޕޯޓް ކުރެއެވެ. އެއީ އެޕަލްގެ ސިރީ، އެމެޒޯންގެ އެލެކްސާ އަދި ގޫގުލްގެ ގޫގުލް އެސިސްޓެންޓް ފަދަ ވޮއިސް އެސިސްޓެންޓުންނެވެ. އެހެންނަމަވެސް މިކޮމާންޑްތައް ފިހާރައަކާ ހަމައަށް ވާޞިލްކުރެވޭނެ ގޮތް އަދި ގިނަބަޔަކަށް ތަޞައްވަރު ނުކުރެވިދާނެއެވެ.

މި އާ ޚިދުމަތުގެ ތެރެއަށް ޓިކްޓޮކް ވަންނަން ބޭނުންވާ ކަމުގެ ޚިޔާލަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެ ކުންފުނިން އަބަދުވެސް ދަނީ އޮންލައިން ޝޮޕިން ދާއިރާއަށް ވަނުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

ޓިކްޓޮކުގެ ސަޕްލައި ޗޭން ލޮޖިސްޓިކްސްއަށް އިސްކަން ދިނުމިގެ ގޮތުން އެ ކުންފުނިން ދަނީ އެމެރިކާގެ އެ ކުންފުނީގެ މުވައްޒަފުން އިތުރުކުރަމުންނެވެ.

ޓިކްޓޮކަކީ މިހާރު ދުނިޔޭގައި އެންމެ ގިނަބަޔަކު ބޭނުންކުރާ އެންމެ މަޤުބޫލު އެއް އެޕްލިކޭޝަނެވެ.

comment ކޮމެންޓް