ޓްވިޓާއިން 'ބްލޫ ޗެކްމާކް' ދޫކުރުން މެދުކަނޑާލައިފި

ޓްވިޓާއަށް ގިނަ ބަދަލުތަކެއް ގެންނަމުންދާތީ އެ ޕްލެޓްފޯމުގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ވަނީ މައްސަލަތަކާ ދިމާވެފަ --

މަޝްހޫރު ބްރޭންޑްތަކާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ޓްވިޓާގެ ބްލޫ ޗެކް މާކް ސަބްސްކްރިޕްޝަން ޚިދުމަތް ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާކަން ފާހަގަކުރެވިގެން އެޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޓްވިޓާއިން ވެރިފިކޭޝަން ޗެކް މާކް ބްލޫ ސަބްސްކްރިޕްޝަން ޚިދުމަތް މަޑުޖައްސާލިއިރު، މަޝްހޫރު ބްރޭންޑްތަކާއި މަޝްހޫރު މީހުން ކަމަށް ހެދިގެން އެތައް ބައިވަރު ފޭކް ޔޫޒަރުންވަނީ އެ ޚިދުމަތް ބޭނުންކޮށްފައެވެ.

ރަސްމީ އަދި ވެރިފައިޑް އެކައުންޓްތައް ފާހަގަކުރަން މީގެ ކުރިން ޓްވިޓާއިން ހިލޭ ޖަހައިދިން ބްލޫ ޗެކްމާކް، ސަބްސްކްރިޕްޝަން ޚިދުމަތެއްގެ ގޮތުގައި ގަންނަން އެ ކުންފުނިން ހުޅުވާލީ މި ހަފުތާގެ ކުރީކޮޅުގައެވެ. ނަމަވެސް މިހާރު އެ ޚިދުމަތަށް ސަބްސްކްރައިބް ކުރެވެން ނެތް ކަމަށާއި ބްލޫ ޗެކްމާކް މީގެ ކުރިން ލިބުނު ބައެއް މީހުންނަށް އެ ޗެކްމާކް ނުފެންނަ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ޚިދުމަތް މިހާ އަވަހަށް ސަސްޕެންޑް ކުރުމުން ދޭހަވަނީ، ޔޫޒަރުންގެ އަތުން އާމްދަނީއެއް ހޯދުމަށް ސީއީއޯ އީލޮން މަސްކް ރޭވި ރޭވުން މިހާތަނަށް ނާކާމިޔާބުވެފައިވާ ކަމެވެ.

ޗެކްމާކް ސަބްސްކްރިޕްޝަން ޚިދުމަތަށް ހުޅުވާލުމާއެކު ގިނަ ބަޔަކު ޗެކްމާކް ގަނެ، މަޝްހޫރު ފަރާތްތަކުގެ ރަސްމީ އެކައުންޓުތައް ކަމަށް ބެލެވޭ ގޮތަށް ޓްވީޓުތައް ކުރަން ފެށިއެވެ. އެއީ ޓްވިޓާގައި ހުރި ފޭކް އެކައުންޓްތަކާއި ބޮޓްތައް ނައްތާލުމަށް މަސްކްވީ ވައުދަށް އެޅުނު ހުރަހެއް ކަމަށް ދިރާސާވެރިން ބުނެއެވެ.

ޓްވިޓާގެ ސޭލްސް މުވައްޒަފަކު ސީއެންބީސީ ނޫހަށް ބުނި ގޮތުގައި ޓްވިޓާ ބްލޫ ވެރިފިކޭޝަން ދޫކުރުން މަޑުޖައްސާލަން ނިންމީ ނަކަލުކުރާ މީހުން ގިނަވުމާ ގުޅިގެންނެވެ. އޭނާ ބުނީ ބޭސް އުފައްދާ ކުންފުނި އީލައި ލިލީ ކަމަށް ބުނާ އެކައުންޓަކުން ޓްވީޓް ކުރުމުން ބޮޑު މައްސަލައެއް ދިމާވި ކަމަށެވެ. އެ އެކައުންޓުން ބުނެފައި ވަނީ އިންސިއުލިން ހިލޭ ލިބޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ.

އެ ޓްވީޓް ފޮހެލުމުގެ ކުރިން އެތައް ގަޑިއިރުތަކެއް ވަންދެން އެ ޓްވީޓް ޓްވިޓާގައި ދައުރުވަމުން ދިޔައެވެ. އަދި ފަހުން އީލައި ލިލީއަށް ޖެހުނީ އެ މައްސަލައިގައި މީހުންނަށް އޮޅުން އެރުމުން، އެކަމަށް މައާފަށް އެދޭށެވެ.

އެ ފޭކް ޓްވީޓާ ހެދި އީލައި ލިލީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށްވިއިރު، ރަސްމީ އެކައުންޓްތައް ކަމަށް ބުނެ ފޭކް އެކައުންޓްތަކުން ކުރި ޓްވީޓުތަކަކާ ގުޅިގެން އެހެން ބައެއް ކުންފުނީގެ ހިއްސާގެ އަގުވެސް ވެއްޓިފައިވެއެވެ.

ތަފާތު ކުންފުނިތަކުގެ ނަމުގައި ފޭކް އެކައުންޓްތައް ހެދިއިރު، އޭގެ ތެރޭގައި މަސްކްގެ ޓެސްލާގެ ފޭކް އެކައުންޓެއް ވެސް ބްލޫ ޗެކްމާކާއެކު ހަދާފައިވެއެވެ. އެގޮތުން ”ޓެސްލާ ރިއަލް”ގެ ނަމުގައި ހަދާފައިވާ ހެންޑްލް އަކުން ކޮށްފައިވާ ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ހިއްސާގެ އަގު މާ ބޮޑަށް ދަށްވުމުން ކަންބޮޑުނުވާ ކަމަށާއި ހިއްސާގެ އަގު ކުއްލިއަށް ވެއްޓުމާ ބެހޭ ކަންތައްތައް އެނގޭ ބަޔަކު ތިބި ނަމަ އެއީ އެ މީހުން ކަމަށެވެ.

ޓްވިޓާއަށް ގިނަ ބަދަލުތަކެއް ގެންނަމުންދާތީ އެ ޕްލެޓްފޯމުގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ވަނީ މައްސަލަތަކާ ދިމާވެފައެވެ. އޭގެ ސަބަބުން ބައެއް އެޑްވަޓައިޒަރުން މިހާރު ވަނީ ޓްވިޓާއަށް އިންވެސްޓް ކުރުން މަޑުޖައްސާލާފައެވެ.

comment ކޮމެންޓް