މިފަހަރު ވެސް މަހްލޫފްގެ އަޑުއެހުން ކެންސަލް ކުރީ ޕީޖީން އެދިގެން

މީގެ ކުރިން މަހްލޫފް ކްރިމިނަލް ކޯޓުގައި: މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު

މިއަދު ބޭއްވުމަށް ތާވަލް ކޮށްފައިވާ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކެންސަލް ކޮށްފިއެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭވުމަށް ތާވަލްކުރި އަޑުއެހުން ވެސް ކޮންސަލް ކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ. މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް މަހްލޫފް ވަޑައިގެން ހުންނެވުމުންނެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު މިއަދު 'ސަން'އަށް ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން އެދުނީ އިދާރީ ސަބަބަކާ ހުރެ ކަމަށެވެ.

މަހުލޫފްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އަލުން އެ މައްސަލަ ބަލަން މި ފެށީ ހައި ކޯޓުން އެ މައްސަލަ ބެލުމަށް އެންގުމުންނެވެ.

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް ޢަލީ ވެސް ހިމެނެއެވެ.

ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.

comment ކޮމެންޓް