ފޯޅަވަހި ކަނޑުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުމުގެ ބިރު އެބައޮތް: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުމުގެ ބިރު އެބައޮތް ކަމަށާއި، އެކަން އެމަގުން ވިޔަ ނުދިނުމަށް އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުން މަސައްކަތް ކޮށްދިނުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ފޯޅަވަހި މައްސަލާގައި އަނެއްކާވެސް ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރިގޮތް ހާމަކުރައްވަމުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގައިވާ މަހުގެ ސްޓޮކް މަދުވަމުންދާ ދިއުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށާއި، އެކަން އެގޮތަށް ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މާސިންގާ ބޮޑެތި ބޯޓުފަހަރުތަކުން ދާ ޖަހައިގެން މަސްވެރިކަން ކުރާތީކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މުޅި މި ސަރަހައްދުންވެސް އިންޑަސްޓްރިއަލް މިންގަނޑުން ދާ ޖަހައިގެން މަސްވެރިކަން ނުކުރެވޭގޮތަށް ހިމާޔަތްކޮށްފައި އޮންނަ ހަމައެކަނި ސަރަހައްދަކީ ރައްޖެއާއި ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިން ކުރަމުން އަންނަނީ ދޮށީގެ މަސްވެރިކަން ކަމަށާއި، މިއީ ދެމެހެއްޓެނިވި މަސްވެރިކަމަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދޯންޏަކުން ދޮށީގެ މަސްވެރިކަން ކުރުމުގައި--- ފޮޓޯ/މަސްވެރިންގެ ޕޭޖް

މި ބަޔާނުގައި ރައީސް ނަޝީދު ވަނީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އިނގިރޭސި ސަރުކާރުން މިހާތަނަށް ގެންގުޅެމުން އައި އުސޫލްތައް ފާހަގަކުރައްވައި އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ފޯޅަވަހި ހިމެނޭ ސަރަހައްދުގައި ކުރިއަށްއޮތްތަނުގައި ދާ އަޅައިގެން މަސްވެރިކަން ކޮށްފާނެކަމުގެ ބިރުހީވާތީވެ، ރައީސް ނަޝީދު ވަނީ ރާއްޖެ، މޮރިޝަސް، ސްރީލަންކާ، ސީޝެލްސް އަދި އިންޑިއާއަށް އެ ސަރަހައްދު ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ނަޝީދު ފޯޅަވެއްސާ ގުޅޭގޮތުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ހޯދުމަށް މޮރިޝަސްއިން މަސައްކަތްކުރަމުންދާ ވަގުތެއްގައެވެ.

ކަނޑުތަކާ ބެހޭ މާހިރުން ދެކިލައްވާގޮތުގައި ފޯޅަވަހި، މޮރިޝަސްގެ ދަށަށް ހިނގައްޖެ ނަމަ ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދުގައި އިންޑިއާ އަދި މޮރިޝަސްގެ މަސްވެރިކަންކުރާ ބޮޑެތި ބޯޓުފަހަރުތަކުން އެ ސަރަހައްދުގައި ދައު ޖަހައިގެން އިންޑަސްޓްރިއަލް ލެވެލްގައި މަސްވެރިކަން ކުރުމުގެ ފުރުސަތު އެބައޮތެވެ.

ދާ ޖަހައިގެން މަސްވެރިކަންކުރާ ބޯޓެއް-- ފޮޓޯ:ގޫގުލް

އެހެންވެއްޖެ ނަމަ ރާއްޖެ ފަދަ ދެމެހެއްޓެނިވި މަސްވެރިކަންކުރާ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ފުނޑިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މަސްވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުން ދެކިލައްވައެވެ.

comment ކޮމެންޓް