ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު އެމްއެންޔޫގައި މި ޖޮބް ފެސްޓިވަލް ފައްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދަޅުވީ، އެމްއެންޔޫއިން ކުރާ މި މަސައްކަތަކީ މުޖުތަމައުގެ ޒުވާނުންނަށް ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ޒުވާނުންނަށް މި ސްޓޯލުތަކުން މިވަގުތު ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ލިބިގެން ދާނެކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެންޔޫ "ފަހި ފުރުސަތު" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ
މީގެ އިތުރުން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުންނަށް އެއް މަގަކުން ނުހިނގޭ ވާހަކައަކީ ކުރީގައި އާންމުކޮށް ދެކެވޭ ވާހަކައެއް ކަމަށެވެ. ނަމަވެސް މިފަދަ ފެސްޓިވަލްތަކުން އެންމެންނަށް އެއްތަނަކުން މައުލޫމާތު ފޯރުކޮއްދިނުމާއި ހޯދުމުގެ ފުރުސަތު ފަހިކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މިއީ ވަރަށް މާތް މަގުސަދެއްގަ ކުރެވޭ ކަމެއްކަމަށް އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި 60އަށް ވުރެ ގިނަ ސްޓޯލް ހިމަނާފައިވާއިރު ސަރުކާރުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީއާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އައިޖީއެމްއެޗާއި ޔޫތު މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ.
މީގެ އިތުރުން، ޕީއެސްއެމް، އެމްޑަބްލިއުއެސްސީ، ވިލާ ގުރޫޕް އަދި އެސްޓީއޯއިން ވެސް މި ޖޮބް ފެސްޓިވަލްގައި ބައިވެރިވިއެވެ.

އެމްއެންޔޫއިން ބުނީ މި ފެސްޓިވަލްގެ މަގުސަދަކީ، އާއްމުންނާ ހިސާބަށް ނުފޯރާ ހުރި އެކި ކަހަލަ ފުރުސަތުތަކާއި ބްރޭންޑުތައް އާއްމުންނާ ހަމައަށް ގެންގޮސްދިނުމުގެ މަގެއް ފަހި ކޮށްދިނުމާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާއި އެއާގުޅޭ ކަންކަމުގައި ހުނަރުވެރިން ބިނާކުރަން އަހުލުވެރި ކުރުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނަށް ދައްކާލުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް، އެމްއެންޔޫ މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެ ފެސްޓިވަލްގެ މަގްސަދެއް ކަމަަށް އެމްއެންޔޫއިން ބުންޏެވެ.