އައްޑޫ ސިޓީ ގަމަކީ ހަމައެކަނި އެއާޕޯޓެއް ހިިންގަން ޚާއްސަވެފައި އޮންނަންޖެހޭ ތަނަކަށް ވެގެންނުވާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންތަކަކާ ބައްދަލުކުރައްވައި ވާހަަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މުއްސަނދިކަމަކީ ފަތުރުވެރިކަންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގަމުގައި ގެސްޓު ހައުސް އާއި ޓޫރިސްޓު ހޮޓަލުގެ ވިޔަފާރި ހިންގަން ޖެހޭކަމަށެވެ. އަދި އެ ކަމަށް ވަކި ސަރަހައްދެއް ޚާއްސަކުރެވި ޒުވާނުންނަށް ފުރުސަތު ހުޅުވާލަން ޖެހޭކަމަށް ވިދާޅުވިއެވެ.
"ދެން އެ ހިސާބުގައި ކީއްވެހޭ ގެސްޓް ހައުސް ޓޫރިޒަމް ނުހިގަންވީ. މުޅި އެއާޕޯޓުގެ ބޭނުމަކަށްތަ ގަން އޮންނަންވީ؟ ނޫން. އެ ތަނަށް ހަމަ ދާންވީ ދޯ ޒުވާން ކުދިން ކޮންސޯޓިއަމް ހަދައިގެން ގެސްޓު ހައުސް ހަދަން،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ އެއާލައިންތަކުގެ ޑައިރެކްޓް ފްލައިޓުތަކުގެ ދަތުރުތައް ސީދާ އައްޑޫ ގަން އެއާޕޯޓަށް ފެށޭނެ ގޮތް ނުހެދެންވީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
"އެކަން ކޮށްފިކަމުގައިވާނަމަ މި ތަނަށް އަންނާނެދޯ ގެސްޓުން ޑައިރެކްޓްލީ. އެއްކަލަ ނައިން އަވާޒް [ ނުވަ ގަޑިއިރުގެ] ފްލައިޓުގައި އަންނަ މީހުން ސްޓްރެއިޓްކޮށް މި ތަނަށް ދޯ އަންނާނީ. އެކަމު އެ ކަން ކުރުމަކީ އެހާ އުނދަގޫ ކަމެއް ހެއްޔޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު
ޔާމީން ވިދާޅުވީ މިހާރު ވެސް ގަން އެއާޕޯޓުގައި ޒަމާނީ ރަންވޭއެއް އެބައޮތްކަމަށެވެ. އަދި މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ގަވައިދުތަކާ އެއްހަމަ ވަސީލަތްތަކާއި ޚިދުމަތްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަން ކުރެވޭނެ. ތިހިރަ އައްޑު އަތޮޅުގައި އެ ހުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު ވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން 13 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހުރިހާ ފެސިލިޓީއަކާއެކު އެ ތަން ހަވާލުކުރީ. އޭގެ ބައިކޮޅު ބައި ވެސް ނުދާނެ އިންޓަނޭޝަނަލް އެއާޕޯޓު މި ފެންވަރަށް ގެންނާކަށް. އެއީ އެއާޕޯޓު ހަދަނީ އެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމްކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިން ސަރަޙައްދެއްވެސް ތަރައްގީ ކުރާނެއެވެ.
އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގެ ދަށުންނެވެ. މިގޮތުން މިކަމަށް 261 މިލިއަން ރުފިޔާ އެކަށައެޅިގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.