ޖޫން މަހު އައިފޯން އާއިލާއަށް ހަވަނަ މެންބަރެއް

އެޕަލްގެ އާ އުފެއްދުންތަކަށް އަބަދުވެސް މީހުން ތިބެނީ ކަޅިއަޅައި ބަލަބަލަ އެވެ. އެންމެންވެސް އެންމެ ފަހުން އިންތިޒާރު ކުރީ އައިފޯން ފަހަކަށެވެ. އެކަމަކު ހިތްތަޅުވާލުމަށްފަހު އެޕަލްއިން ލޯންޗް ކުރީ އައިފޯން ފޯއެސް އެވެ. އެޕަލްގެ ފޭނުން އޭރު ކޮންމެވެސް ވަރަކަށް މާޔޫސްވީ ހީކުރި ވަރުގެ އުފެއްދުމެއް އެޕަލްއަށް ނުގެނެސްދެވިގެނެވެ.

މިހާރު ހާސްކަން ކެނޑެނީ އެވެ. ޓެކްނެލޮޖީ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި މިހާރު އެންމެ އަޑުގަދައީ "ނިއު އައިފޯން" ނޫނީ އައިފޯން 5 ގެ ވާހަކަ އެވެ.

އައިފޯން އެސެމްބުލް ކުރާ ފެކްޓަރީ، ފޮކްސްކޮންގެ މުވައްޒަފަކު ވަނީ އެކަމަށް ބާރު ލިބޭ އިޝާރާތެއް ކޮށްފަ އެވެ. ނަން ހާމަނުކުރާ އެމީހާ ޓީވީ ޓޯކިޔޯއާ ވާހަކަދަކަމުން ބުނެފައިވަނީ ޖޫންމަހު ނެރޭނެ ކަމަށް ބެލެވޭ އާ އައިފޯނަށް ތައްޔާރުވުމަށް 18000 މުވައްޒިފަކު ބޭނުންވާ ކަމަށާއި އިތުރު މީހުން ވެއްދުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ. މީހުންގެ ހިތްތަޅުވާލުމަށްފަހު އިތުރު އެއްވެސް އެއްޗެއް އޭނާ ބުނެފައެއް ނުވެ އެވެ.

އައިފޯން ފަހެއް ޖޫންމަހު ނުކުމެއްޖެ ނަމަ އައިފޯންގެ އާއިލާއަށް އިތުރުވާ އެއީ ހަވަނަ މެންބަރެވެ.

ގިޒްމޮޑޯ އާއި ޓެކްނޮލޮޖީގެ ހަބަރުތައް ބަންޑުން ކުރާ ބޮޑެތި ސައިޓްތައް ފުރާލާނީ އައިފޯން ފަހެއްގެ ވާހަކަތަކުންނެވެ. ފޯނުގެ ޑިޒައިންނާއި އައިފޯން ފަހެއްގެ އާ ފީޗާތަކުގެ ލީކްތައް އިންޓަނެޓްގައި އާންމުވުމަކީ ގާތް ކަމެކެވެ. ރިޕޯޓްތައް ލަފާކުރަނީ އެޕަލްގެ ބާނީ ސްޓީވް ޖޮބްސް ދުނިޔެއާ ވަކިވި ނަމަވެސް އައިފޯން ފަހެއް ދުނިޔެއަށް ނޭވާލާނީ ސްޓީވް ޖޮބްސްގެ ފުރިހަމަ ހިޔާލާއި ކުލަތައް ވަރަށް ބޮޑަށް އޭގައި ހާކައިގެން ކަމަށެވެ.

އައިފޯން ފޯއެސްގައި ހިމެނޭ "ސިރީ" ފަދަ އާ ފީޗާތަކުން އަހަރެމެން ކޮސްކޮށްލިއިރު ގިނަ ބަޔަކު މިހާރު އުފައްދާ ސުވާލަކީ އައިފޯން ފަހެއް ފެންނާނީ ކޮންގޮތަކަށް ކިހިނެއްހެއްޔޭ އެވެ؟ ކޮންމެ ގޮތެއް ވިޔަސް އޭގައި ހިމެނޭނެ އާ ފީޗާތަކާ ކުޅެގަނެ ތަޖުރިބާކުރަން މީހުން ތިބީ ކެތް ނުލަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު