ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ނޭނގި ހުޅުމާލޭގެ ބިމުން އެއްވެސް ތަންކޮޅެއް އެހެން ބަޔަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ނުދެވޭނެކަމަށް އެޗްޑީސީން ބުނެފިއެވެ.
އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި އެޗްޑީސީން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން ބައެއް 25 އަހަރަށް އެ ކުންފުންޏަށް ދޭން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ.
އެކަން ހާމަވީ ސިވިލް ކޯޓުން ދާދި ފަހުން ކޮށްފައިވާ ހުކުމުންނެވެ.
އެފްއޭއެމްއިން އެޕޯލޯ ހޯލްޑިންގްސް އަށް ދޭންޖެހޭ ފައިސާ ނުދީގެން ސިވިލް ކޯޓަށް ހުށަހެޅުމުން ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ވަނީ ހައްލުކޮށްފައެވެ.
ނަމަވެސް އެ ކަމާ ގުޅިގެން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "ސަން"އަށް ވިދާޅުވީ އެ ކުންފުނިން އެފްއޭއެމްއަށް ކުއްޔަށްދީފައިވާ ބިމުގެ އެއްބަސްވުމުގައި އެހެން ބަޔަކަށް އެ ބިން ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ހިންގޭނެކަމަށް ބަޔާންކޮށްފައިނުވާނެ ކަމަށެވެ.
އެހެންކަމުން އެފްްއޭއެމްގެ އެ ނިންމުމަކީ މައްސަލައެއްކަމަށާއި އެ މައްސަލަ ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަ ބަލަމުން. ނަމަވެސް އެފްއޭއެމްއިން މިހާރު އެބައޮތް އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ރިކުއެސްޓުކޮށްފައި. އެހެންނަމަވެސް އަދި އެއްބަސްވުމަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައެއް ނުވާނެ،" މަޝާރު ވިދާޅުވިއެވެ.
ރާއްޖޭގައި ފުޓުބޯޅައިގެ ކަންކަން ބަލަހައްޓާ ގައުމީ އެސޯސިއޭޝަން ގިނަ ބަޔަކަށްވަނީ ދަރައިފައެވެ. އޭގެ ތެރޭގައި ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ގިނަ ކުންފުނިތަކެއް ހިމެނެއެވެ.