ހައިވޭ މެދުގައި މާ ބުރަކޮށް މި ކުރަނީ ކޮން މަސައްކަތެއް؟

މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގެ މެދެއްހާ ހިސާބުގައި ބަޔަކު މާ އަވަދި ނެތި މަސައްކަތެއް ކުރާ މަންޒަރު ފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހައިވޭއަށް އަރާ ފައިބާ ކޮންމެ ފަހަރަކު އެބަޔަކު އެކުރަނީ ކޮންކަމެއްތޯ ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. ނަމަވެސް މިއީ ކިހާވަރެއްގެ މަސައްކަތެއްކަން އޭރު އަންދާޒާކޮށް ނުލެވުނެވެ.

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ފަށާފައިވާ މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް އަދި ހުޅުމާލޭގެ ބައެއް ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ގާއިމްކުރެވޭ ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމްގެ މަޝްރޫއެކެވެ.

މިމަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި މިނިސްޓްރީއާއި އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެސްޕަޔާ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "ސަން" އަށް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިމަސައްކަތް މަޑުޖެހުނު ނަމަވެސް، ހުޅުމާލޭ 1،000 ޔުނިޓްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރު ސޯލާ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ފަށާފައިވާ މަޝްރޫއުގެ ދަށުން ސޯލާ ނިޒާމް ހަރުކުރާ ގޮތުގެ ކުރެހުމެއް --

ސޯލާ ޕީވީތަކުގެ ބޮޑުބައެއް ހުޅުމާލޭގައި ހިމެނޭއިރު، މިހާރު ހުޅުމާލެ ލިންކް ރޯޑުން ފެންނަ މަންޒަރަކީ ސޯލާ ޕެނަލްތައް ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗާ ހެދުން ކަމަށް އިފާދު ވިދާޅުވިއެވެ.

އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ ފަސް މެގަވޮޓް ސޯލާ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދުގެ ވަރަށް ބޮޑު ބައެއް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. އެގޮތުން، މިފިޔަވަހީގެ ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިފާދު ވިދާޅުވީ ލިންކް ރޯޑުގައި ގާއިމްކުރާ ސްޓްރަކްޗާ ޑިޒައިންކޮށްފައިވަނީ ތިމާވެއްޓާ ރަށްޓެހިގޮތަކަށް އަދި އެސަރަހައްދު ބޭނުންކުރާ މީހުންނަށް ޕޭވްމަންޓް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. މި މަޝްރޫއަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވޯލްޑް ބޭންކުގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އަމިއްލަ ފަރާތްތަކަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވެސްޓްކުރުމަށް ސަރުކާރުން ފަހިކޮށްދީފައިވާ މިފުރުސަތުގެ ދަށުން އަމިއްލަ ފަރާތްތަކުން އުފައްދާ ކަރަންޓު ސަރުކާރުން ގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ތެރެއިން އުފައްދާ ސޯލާ ހަކަތައިގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަ ވާނެ ކަމަށް ސަރުކާރުން ބުނޭ --

އެގޮތުން، މިމަޝްރުއުގެ ބިޑް ކާމިޔާބު ކޮށްފައިވަނީ ތައިލޭންޑްގެ އެންސިސް ކުންފުނިންނެވެ. އެހެންކަމުން މަޝްރޫއުގެ މަސައްކަތަށް ފައިނޭންސްކޮށް، ކޮންޓްރެކްޓްގެ މުއްދަތުގައި މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނިންނެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ހުރި ޕެނަލްތަކުން އުފައްދާ ކަރަންޓް މިމަހުގެ ފަހުކޮޅު ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ހަމަޖެހިފައިވާއިރު، ލިންކް ރޯޑުގައި ކުރާ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

comment ކޮމެންޓް