ޖިންސީ ބާރު ގަދަކުރަން މަސްތުވަނީ، ފަހުން ސަލާމަތް ނުވޭ!

އުމުރުން 56 އަހަރުގެ އިބްރާހީމް މުހައްމަދު (އަސްލު ނަމެއް ނޫން) ކުއްލިއަކަށް ޖިންސީ ބާރު ދަށްވާން ފެށިއެވެ. އެއާއެކު އެކި މައްސަލަތައް ޖެހެމުން ގޮސް އޭނާގެ އަންހެނުން ޝައްކު ކުރަން ފެށީ އޭނާ ބޭވަފާތެރި ވަނީ ކަމަށެވެ. އެހެންކަމުން ކޮންމެހެން ވެސް އެ މައްސަލަ ހައްލު ކުރަން އޭނާ ބޭނުންވިއެވެ.

"އެކި ކަންކަން ކުރިން. ޕޭޖްތަކުގައި އެ ވިއްކާ މާމުއިތަކާއި ސްޕްރޭތައް ވެސް ގަނެގެން ވެސް ބޭނުން ކުރިން. އެކަމަކު މާ ރަނގަޅު ނަތީޖާއެއް ނުފެނުނު. އެހެން ހުއްޓާ ރައްޓެއްސަކު ބުނީ ހަކުރު [ހެރޮއިން] ދެތިން ފަހަރު ޖަހާލީމައި ރަނގަޅު ވާނޭ. އެޑިކްޓެއް ނުވާނޭ. އެހެންވެ އެ ބޭނުން ކުރަން ފެށުނީ،" މަސްތުގެ ތެރެއަށް ދިޔަގޮތް އިބްރާހީމް ކިޔައިދިނެވެ.

މިހާތަނަށް ދުންފަތުގެ އިސްތިއުމާލު ވެސް ނުކުރާ އިބްރާހީމް މަސްތުގެ ތެރެއަށް ދިޔައީ ޖިންސީ ބާރު ގަދަ ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަން ފަހުން ވެގެން ދިޔައީ އޭނާގެ މުޅި ދިރިއުޅުން ހަލާކުވި ކަމަށެވެ. ދަރިން ބޮޑެތިވެ، ކާފަ ދަރިން ވެސް ލިބިފައިވާ އިބްރާހީމްގެ މިއަދުގެ ހާލަތަކީ "ޕާޓޭ" އެކޭ މި ބުނާ މީހުންގެ ހާލެވެ. މަސްތުނުވެ އެންމެ ދުވަހަކު ވެސް ނުހުރެވެއެވެ. ކުންފުންޏެއްގެ މެނޭޖަރުގެ މަގާމުގައި ހުރިއިރު ރަނގަޅަށް މިހާރު މަސައްކަތެއް ވެސް ނުކުރެވެއެވެ. އަބަދު އުޅެން ޖެހިފައިވަނީ މަސްތުވާނެ ގޮތެއް ހޯދުމުގައެވެ.

މާލޭގައި ހުރި ޑްރަގް އައްޑާތައް ބަންދު ކުރުމަށް ޓަކައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑު އެއް ފަހަރު އިންޑިއާއަށް ގޮސްގެން ފަރުވާ ވެސް ހޯދައިފިން. އެކަމަކު އަނެއްކާ ވެސް ފެށުނީ. މިހާރު މިއުޅެނީ ހަމަ ސަލާމަތް ނުވެގެން. ފައިސާތައް ހުސްވެއްޖެ. ދަރިން ލަދުން. އަނބިމީހާ ރުޅިއައިސް. ހަމަ މޮޔަވެދާނެހެން ހީވަނީ،" ގިސްލަމުން އިބްރާހީމް ކިޔައިދިނެވެ.

ޖިންސީ ބާރު ދަށްވުމުގެ މައްސަލައަކީ ދިވެހި ފިރިހެނުންގެ ތެރޭގައި އާއްމު ކަމެކެވެ. އެހެންކަމުން އެކިއެކި ސަޕްލިމެންޓްތައް އެކަމަށް މީހުން ބޭނުންކުރެއެވެ. އެއްވެސް ހުއްދައެއް ނެތި އަދި ރެގިއުލޭޓް ކުރެވޭނެ ގޮތެއް ނެތި ރާއްޖޭގައި އެފަދަ ބޭސްތައް ވިއްކަމުން ދެއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ މާމުޔާއި ސްޕްރޭގެ އިތުރުން ބޭސްފަދަ ތަކެތި ހިމެނެއެވެ. ބޮޑު އަގުގައި މިތަކެތި ވިއްކަމުން ދާއިރު އެއަށް ޑިމާންޑް ވެސް ބޮޑެވެ. އެފަދަ ބައެއް ޕްރޮޑަކްޓްތައް، މިފަހުން ވެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މަނާކޮށްފައެވެ.

https://sun.mv/168134

ޖިންސީ ބަލި ކަށިކަން ހައްލު ކުރަން އެންމެ ފަހުން މިވަނީ މަސްތުވާން ވެސް ފަށައިފައެވެ.

މައިގަނޑު މައްސަލައަކީ ޕޯން!

ޖިންސީ ބާރު ހަމަ ދަށީތޯ ނުވަތަ އެކަމުގައި އުއްމީދު ކުރެވޭވަރު މާ އިތުރީތޯ މިއީ ކުރަން ޖެހޭ ސުވާލެކެވެ.

ބަދުއަހުލާގީ މަންޒަރުތައް، ނުވަތަ ޕޯން ބެލުމަކީ ރާއްޖޭގައި ވެސް އާއްމުކަމެކެވެ. ދެ ޖިންސުގެ އެކި ފުރާގެ މީހުންނާ ވާހަކަ ދައްކާލުމުން އެކަން ޔަގީންވެއެވެ. ގިނަ މީހުން ޖިންސީ ގުޅުންތައް ހިންގާގޮތް ދަސް ކުރަނީ ވެސް އޭގެ ތެރެއިންނެވެ. އޭގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އެފަދަ ވީޑިއޯތަކަކީ އެތައް ދުވަހެއްގެ މަސައްކަތުން، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ރެކޯޑް ކޮށްފައި ހުންނަ އެއްޗެއްސެވެ. އަދި އޭގެން އެ ދައްކަނީ ހަގީގަތެއް ނޫނެވެ. ނަމަވެސް އަބަދު އެކަހަލަ ވީޑިއޯތައް ބަލާނަމަ އެގޮތަށް އަމިއްލަ ދިރިއުޅުމުގައި ވެސް ކަންކަން ކުރަން މީހާ ބޭނުންވެއެވެ. އަދި އެވަރު ނުވާތީ ފާޑުފާޑުގެ ބޭސްތައް ބޭނުން ކުރުން ފަދަ ކަންކަން އާއްމުވެއެވެ. މައްސަލައެއް ނެތީސް ވެސް ޖިންސީ ގޮތުން ބަލިކަށި ކަމަށް ގިނަ މީހުންނަށް ގަބޫލު ކުރެވެނީ އެ ސަބަބާ ހުރެއެވެ.

"އެފަދަ ވީޑިއޯ ބަލާނަމަ ބޭނުންވާނީ އޭގައި އެ އުޅޭ ގޮތަށް އެހާ ވަގުތު އުޅެން. އެކަމަކު އެއީ ހަގީގަތެއް ނޫން. ސައިންސް ބުނަނީ ފަސް މިނެޓާއި 13 މިނެޓާ ދޭތެރޭ ގުޅުން ހިންގޭނަމަ އެވަރު ރަނގަޅު ކަމަށް. އެހެންކަމުން ބޭސްތައް ކައިގެން ނޫނީ އެހެން ގޮތްގޮތުން ވަގުތު ގިނަ ކުރަން އުޅޭކަށް އަސްލު ނުޖެހޭ،" ނަން ނުޖަހަން ޝަރުތުކޮށް ޑޮކްޓަރަކު ވިދާޅުވިއެވެ.

އެފަދަ ވީޑިއޯތަކުގެ ސަބަބުން ތިމާގެ ހިތުގައި އުފެދޭ އުއްމީދުތައް ހާސިލް ކުރުމަށް ގޯސް ހެދޭފަހަރު އެބައާދެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކަށް މިހާރު ވެފައި މިވަނީ މަސްތުވުމެވެ.

ނުރައްކާ ނޭންގި އެތައް ބަޔަކު މަސްތައް!

އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ވިދާޅުވިގޮތުގައި ރާއްޖޭގެ މެދު އުމުރުގެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާ މައިގަނޑު ސަބަބަކީ ޖިންސީ ބާރު ގަދަ ކުރުމެވެ. އެކަން އެ މީހުން ފަށަނީ ލިބޭ ނުރަނގަޅު މައުލޫމާތުތަކެއްގެ ސަބަބުން ކަމަށާއި ފަހުން މަސްތުގެ ތެރެއަށް ވަދެ، ސަލާމަތް ނުވެގެން އުޅޭ އެތައް ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުން މިބުނަނީ ދެތިން ޝޮޓް ޖަހާލީމަ އެބައި ރަނގަޅުވޭ. [ޖިންސީ ބާރު ދަށް ވެގެން] އަންހެނުންނާ މައްސަލަ ޖެހޭ ވަރުން ކަމަށް އެ މީހުން ބުނަނީ މަސްތުވާތަކެތި ނަގަން ފެށީ. އެކަމަކު އެކަން ފެށީމައި ހުއްޓާ ނުލެވޭނެ ކަމެއް ނޭންގޭ އެ މީހުންނަކަށް. އެހެންވެ ފަހުން އެޑިކްޝަނަކަށް ބަދަލުވެ މީހާ އެތައް ވޭނެއް ތަޖުރިބާ ކުރަން މިޖެހެނީ،" އަދީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖިންސީ ބާރު ގަދަ ކުރުމުގެ ބޭނުމުގައި މަސްތުވާން ފެށި އެތައް ދިވެހީންތަކެއް އެ ވަބާއިން ސަލާމަތް ނުވެގެން އެބައުޅޭ ކަމަށެވެ. ފަރުވާއަށް ފަހު ވެސް އަލުން މަސްތުވުމަށް އެ މީހުން ދިއުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

"އޭނަ އަދި ކޮންމެ ކަމަކަށް ބޭނުން ކުރިޔަސް ސިކް ވާނެތާ މަސްތުވާތަކެތި ވީމައި. އެހެންވެ ފަހުން ސަލާމަތް ނުވެގެން އުޅެނީ،" މަސްތުވާތަކެތީން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާ އަދީބު ވިދާޅުވިއެވެ.

މި ކަންތައް އޮތީ ހަމައެކަނި ދުވަސްވީ މީހުންގެ ތެރޭގައެއް ނޫނެވެ. އަދީބު ވިދާޅުވިގޮތުގައި ޕާޓީ ކުރުމަށާއި ގިނަ ބަޔަކު އެކުގައި ޖިންސީ ގުޅުން ހިންގުމުގެ ނުބައި އާދަ ދިވެހީންގެ ތެރޭގައި ވެސް އޮތްއިރު އެކަމަށްޓަކައި "މިއޯ މިއޯ" ކިޔާ، ކެމިކަލުން ހަދާފައި ހުންނަ މަސްތުވާއެއްޗެއް ބޭނުން ކުރުން ވެސް ރާއްޖޭގައި އާއްމެވެ.

މަސްތުވެފައިވާ ބަޔަކު މާލޭގެ މިސްކިތެއްގައި: ސަން ފައިލް ފޮޓޯ

ބްރެއިން ރިސާޗް ބުލެޓިންގައި 2016ވަނަ އަހަރު ފްރާންސްގެ ބައެއް ޔުނިވާސިޓީތަކާއި ފްރާންސްގެ ޕައުލް ބްރައުސް ހޮސްޕިޓަލްގެ އެޑިކްޝަން ރިސާޗު އެންޑް ޓްރީޓްމަންޓު ސެންޓަރަކުން އެއްކުރި މައުލޫމާތާއެކު ޝާއިއުކޮށްފައިވާ ޖާނަލްއެއްގައިވާ ގޮތުން މި ޑްރަގަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގެއްލުންހުރި ގިނަ އަސަރުތަކެއް ކުރުވާ އެއްޗެކެވެ.

އެގޮތުން އޭގެ ޑޯޒް އިތުރުކުރާ މިންވަރަކަށް އަދި ބޭނުންކުރާ މިންވަރު އިތުރުވާނަމަ ލިބޭ ގެއްލުން ބޮޑުވެއެވެ. އޭގެ ތެރޭގައި އާދަޔާ ޚިލާފަށް ދަތްކުނޑި ވިކުން، ކާހިތްނުވުން، އާދަޔާ ޚިލާފަށް ހަށިގަނޑުގެ ހޫނުމިން މަތިވުން، ދާހިތްލުން، ފެނުމުގައި އެކި މައްސަލަތައް ދިމާވުން، ބޮލުގައި ރިއްސުން, އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރު މަތިވުން، ހިތުގެ ހިނގުން އަވަސްވުން، މޭގައި ރިއްސުން، ފަދަ ކަންކަން ދިމާވެއެވެ. އަދި އޭގެ އިތުރުން ނާރުތަކުގެ ތެރެއަށް އިންޖެކްޓުކޮށްގެން މި ޑްރަގް ބޭނުންކުރާނަމަ ނުވަތަ ގިނައިން އިންޖެކްޓުކުރާނަމަ ލޭނާރުތައް ބްލޮކްވުމުގެ ފުރުސަތު ވެސް ބޮޑެވެ.

އޭގެ އިތުރުން ޖިންސީ ގުޅުން ހިންގާއިރު ޒުވާނުންގެ ތެރޭގައި އެކި ކަހަލަ ޕާޓީ ޑްރަގްސް އާއި ހަޝިޝްއޮއިލް (ތެޔޮ) ބޭނުން ކުރުން ވެސް އިތުރު ކަމަށް އަދީބު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަކީ ފަހުން މީހާއަށް އެތައް ގެއްލުމެއް ކުރިމަތި ކުރުވާ ކަމެކެވެ. އެގޮތުން އެއާ ނުލައި ނޫޅެވުމާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދިމާވާ މައްސަލަތައް ގިނައެވެ. އޭގެ ސަބަބުން ދިރިއުޅުން ހަލާކުވެ މީހާ މަގުމަތިވާ ހިސާބަށް ދެއެވެ. އަދި ކުއްލި މަރުތައް ވެސް އިތުރުވެއެވެ.

އަދީބު ލަފާ ދެއްވަނީ އެއްވެސް ކަމެއް ރަނގަޅު ކުރުމުގެ ބޭނުމުގައި ވެސް މަސްތުވުމަށް ނުވަނުމަށެވެ. އޭގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އެތައް ކަމެއް ތަހައްމަލް ކުރަން ޖެހޭތީއެވެ. އެހެންކަމުން ޑްރަގް ޕްރޮމޯޓް ކުރުމަށް މީހުން ދޭ ނުރަނގަޅު މައުލޫމާތުތައް ގަބޫލު ނުކުރަން އޭނާ އެދެއެވެ.

ޖިންސީ ގޮތުން ބަލިކަށި ނަމަވެސް ހޯދޭނެ ފަރުވާތައް އެބަހުއްޓެވެ. އެގޮތުން ޑޮކްޓަރަށް ދައްކައިގެން އެކަމަށް ފަރުވާ ހޯދައި އެ މައްސަލަ ހައްލު ކުރެވެއެވެ. ރާއްޖޭގައި ވެސް އެފަދަ ޑޮކްޓަރުން އެބަތިއްބެވެ. އެހެންކަމުން މަސްތުވުމާއި ފާޑުފާޑު ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ޑޮކްޓަރީ ފަރުވާ ހޯދަން އެބަޖެހެއެވެ. ނޫނީ ވާގެއްލުން މާބޮޑެވެ. އިބްރާހީމްގެ ހާލުން ވެސް އެކަން ޔަގީންވެއެވެ.

comment ކޮމެންޓް