ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލަން ގޮވާލައި މަޖިލީހަށް ގަރާރެއް

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް -- ފޮޓޯ/ މަޖިލިސް

ނަފްސާނީ ސިއްހަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚިދުމަތްތަކާއި، ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމާއެކު ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހުށަހެޅުއްވި ގަރާރުގައި ބުނީ ރާއްޖޭގެ އާބާދީއާ އެކަށޭނަ މިންވަރަށް ނަފްސާނީ ބަލިތަކަށް ފަރުވާ ލިބެން ނެތް ކަމަށެވެ.

އެގޮތުން ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗް އިން އެފަދަ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޭނުންވާ މީހުންގެ ވެއިޓްލިސްޓަށް ބެއްޔަސް އަބަދުވެސް ބޮޑު ކިއުއެއް އޮވެ، ފަރުވާއަށް އެދޭ ބަލި މީހުންނަށް އެކަށޭނބެ އަވަސް މިނުގައި ފަރުވާ ލިބެމުން ނުދާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާގެ ކަންކަން ކުރިއަރުވާ، އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީފަރުވާ ލިބޭނެ ނިޒާމެއް ތަންފީޒުކުރާނެ ކަމަށް ބަޔާންކޮށް އެކަށައަޅާފައިވާ ސިޔާސަތަށް އެކަށީގެންވާ ގޮތަށް ތަންފީޒު ކުރުމަށް ސަރުކާރުން އަހަންމިއްޔަތު ކަމެއް ދޭކަމަށް ބެލެވޭނެ ނަތީޖާއެއް ނުފެނޭ،" ގަރާރުގައި ވެއެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ ތަންތަން މަދުކަމާއި، އަމުދުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މިފަދަ އެއްވެސް ޚިދުމަތެއް ލިބެން ނެތްކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ޚިދުމަތް ލިބުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ބޮޑު ތަފާތު ކުޑަކޮށް، އަތޮޅުތެރޭގައި އެ ޚިދުމަތް ރަނގަޅަށް ގާއިމް ކުރަން ޖެހޭ ކަމަށް ވެސް ގަރާރުގައި ވެއެވެ. މީގެ އިތުރުން އެކަމާ ބެހޭ ފަންނީ މީހުން ރާއްޖޭގައި ވެސް މަދުއިރު އެހެން އެކިއެކި ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން ބޭރުން ހޯދާ ފަދައިން އެ ޚިދުމަތް ދިނުމަށް ވެސް ރާއްޖެއިން ބޭރުން މީހުން ހޯދެން އޮތް ނަމަވެސް އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ގަރާރުގައި ވެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް ދިއުމަށް ފަސްޖެހޭ ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް އަމިއްލަ ގޮތުން ފަރުވާ ހޯދޭނެ "ސެލްފް ކެއާ" ނިޒާމެއް ނުވަތަ ޕްރޮގްރާމްތަކެއް ރާއްޖޭގައި ގާއިމް ކުރެވިފައި ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު އެނގޭނެ ރަނގަޅު ފުން ދިރާސާއެއް ރާއްޖޭގައި ހެދިފައިނުވާކަން ފާހަގަކޮށް ގަރާރުގައި ބުނީ ދުނިޔޭގެ ކޮންމެ އަށް މީހަކުން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާނެ މީހެއް ކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް މީގެ ދެ އަހަރު ކުރިން ރައީސް ޞާލިހު ވިދާޅުވެފައިވާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އަތޮޅުތަކުގައި ވެސް އެފަދަ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ބަލިތަކުގެ އަސަރު ކޮށްފައިވާ މީހުންނަށް ގާނޫނީގޮތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ގެ ހަތަރު ވަނަ މާއްދާއާއި ނުވަ ވަނަ މާއްދާގައި މިނިސްޓަރާއި މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ސިއްހީ ޚިދުމަތް ދިނުމުގެ ސިޔާސަތު ކަނޑައެޅުމާއި، ސިއްހީ ޚިދުމަތަށް ބޭނުންވާ ފަންނީ މީހުން ބިނާ ކުރުމާއި ސިއްހީ ޚިދުމަތްތަކާ ގުޅޭ ދިރާސާތައް ކުރުންފަދަ ކަންކަން ބަޔާންވެފައި ވޭ،"

ނަފްސާނީ ސިއްހަތާ ގުޅޭ އެފަދަ ސިޔާސަތުތައް އެކަށައަޅައިފައި ނުވާކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ސަބަބުން އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާ، އެމީހުންގެ އާއިލާތަކަށް ބަލީގެ ސަބަބުންނާއި އެ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާ އެ މީހުން ތަހައްމަލު ކުރަމުންދާ ވޭނާއި ތަކުލީފުތަކަށް ލުޔެއް ނުލިބި ގިނަ ބަޔަކު އުމުރުގެ ބޮޑުބަޔެއް ވެއަތުކުރަމުންދާ ކަން މުޖުތަމައުއިން ފެންނަ ކަމަށް ގަރާރުގައި ވެއެވެ.

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅަކަށް ވީހިނދު، މިސަރުކާރުން 2019 ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށްފައެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. އަދި ނަފްސާނީ ބަލިމަޑުކަން ތަހައްމަލްކުރަމުންދާ މީހުންނަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީން އެ މަސައްކަތަށް ޚާއްސަ ޑިޕާޓްމަންޓެއް ވެސް ދާދިފަހުން ވަނީ ގާއިމް ކޮށްފައެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނަފްސާނީ ބަލިތަކަށް ޚާއްސަކޮށް ހެލްތް މިނިސްޓްރީގައި ހުރީ އެންމެ މުވައްޒަފެކެވެ. މިހާރު އެ އަދަދު ހަތަރަކަށް ވަނީ އިތުރު ކޮށްފައެވެ. ޑިޕާޓްމަންޓެއް ހެދުމާއެކު އެކަން އިތުރަށް ފުޅާވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ އަދަދު މީގެކުރިން ހާހުން މައްޗަށް ގޮސްފައިވީނަމަވެސް އެއަދަދު މިހާރު ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް