ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ އެތައް ދުވަހެއް، އަދިވެސް ހައްލެއް ނުވޭ!

ޖެނުއަރީ 6، 2020: ސަލްމާން މިސްކިތުގެ އެތެރެ – ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވައިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، ހައްލުނުކުރެވި އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެއާއެކު މިސްކިތް ބޭނުންކުރާ މީހުންނަށް އެ ކަމުގެ އުނދަގޫތަކާ ކުރިމަތިލާންވަނީ ޖެހިފައެވެ.

ގިނަ ބަޔަކުބުނި ގޮތުގައި މިސްކިތުގެ ތެރޭ ހޫނު ގަދައެވެ. އަދި މިސްކިތުގައި ތިބެ އަޅުކަން ކުރުމަށް ވަނީ ދަތިވެފައެވެ.

އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެމުންވަނީ އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ވެސް ހަލާކުވެފައިވާކަމަށް ބުނެފައެވެ.

ޖެނުއަރީ 6، 2020: ސަލްމާން މިސްކިތުގެ އެތެރެ. – ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ރާއްޖެއިން އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ވެސް ނުލިބުނުކަމަށްވަނީ ބުނެފައެވެ.

އެއާއެކު މިހާރު މަސައްކަތްކުރަނީ އޭސީ ހަރުކުރި ބޭރުގެ ކޮންޓްރެކްޓަރު ރާއްޖެ ގެނެސް އޭސީތައް މަރާމާތުކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިސްކިތުގެ އޭސީގެ މަރާމާތުގެ މަސައްކަތާ ގުޅުންހުރި ފަހުގެ މައުލޫމާތު ހޯދަން "ސަން"އިން އެ މިނިސްޓްރީއަށް ގުޅާލުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

މި މިސްކިތް ހުުޅުވީ މި އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހެވެ. މިސްކިތް ހުޅުވިފަހުން އަދި ވީ އެންމެ ހަތް މަސް ދުވަހެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ.

އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

comment ކޮމެންޓް