ވޮޝިންޓަން (5 ނޮވެމްބަރު 2022): ކޮވިޑް-19 އާއި އަރިދަފުސް ރޯގާއަކީ ވަރަށް ގިނަ ބަޔަކަށް ތަކުރާރުކޮށްޖެހޭ އާންމު ދެބަލިކަމަށާއި އެދެ ބަލިން ސަލާމަތް ވެވޭނެ އެއްވެކްސިން އުފެއްދިއްޖެނަމަ ގިނަ ބަލިތަކަކުން ދިފާއުވެވޭނެތީ އެދެ ބައްޔަށް އެއްވެކްސިން އީޖާދު ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ފައިޒަރ އަދި ބަޔޯއެންޓެކް ކުންފުނިން ބުނެފިއެވެ.
ފައިޒަރ ބަޔޯއެންޓެކް ކުންފުނިން ބުނިގޮތުގައި އެދެކުންފުނި ގުޅިގެން މިހާރުވަނީ ވެކްސިން އުފެއްދުމުގެ ފުރަތަމަ މަރުހަލާގެ ތަޖުރިބާތަކަށް ބޭނުންވާ 180 ވޮލަންޓިއަރުންވެސް އިޚްތިޔާރުކޮށްފައެވެ.
ފައިޒާއަކީ އެމެރިކާގެ ކުންފުންޏެކެވެ. ބަޔޯއެންޓެކް އަކީ ޖަރުމަނުގެ ކުންފުންޏެކެވެ. ވެކްސިންއާއި ބޭސް އުފެއްދުމުގެ ރީސާޗްތަކުގައި މިދެ ކުންފުނި ދަނީ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ. ގުޅިގެން މަސައްކަތް ކުރުމުން އެއްކުންފުނިން މަދުވާ ތަޖުރިބާގެ ބައި އަނެއް ކުންފުނިން ލިބޭތީ ރީސާޗްތަކަށް ފަސޭހަވާކަމަށް އެދެކުންފުނިން ބުނެއެވެ.
ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފެއްދި ފައިޒާ ވެކްސިން އަކީވެސް ފައިޒާއާއި ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އެކެވެ. ކޮވިޑް އާ ދެކޮޅަށް އުފެއްދި ފައިޒާ ވެކްސިންއަކީ ކޮވިޑް އިން ރައްކާތެރިވުމަށް ހުޅަނގުގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރި ވެކްސިންއެވެ.
ނަމަވެސް ޗައިނާ، ރަޝިއާ އަދި ކިޔުބާ އާއި އިންޑިއާއިންވެސް ކޮވިޑް އާ ދެކޮޅަށް ގިނަ ވެކްސިންތަކެއް އީޖާދުކޮށް ދުނިޔޭގެ ގައުމުތަކަށް ހިލޭ އެތަކެތި ފޯރުކޮށްދީފައިވާތީ ކޮވިޑް ވެކްސިންތައް މޮނޮޕޮލީ ކުރުމުގައާއި އަގު ބޮޑުކޮށް ވިއްކައިގެން އެއިން ވިޔަފާރީގެ ފައިދާ ނެގުމުގެ ފުރުސަތު އެމެރިކާއާއި ޖަރުމަނުފަދަ ހުޅަނގުގެ ގައުމުތަކަށް ލިބިފައެއް ނުވެއެވެ.
ސިއްހަތާބެހޭ ތަފާސްހިސާބުތަކަށް ބަލާއިރު ގިނަބަޔަކަށް އެންމެ ގިނައިން ޖެހޭ ބައްޔަކީ ހުމާއި އަރިދަފުސް ރޯގާއެވެ. މިގޮތަށް އަވަސްއަވަހަށް ގިނަގިނައިން ޖެހޭ ހުމާއި އަރިދަފުސް ރޯގާތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވެސްވެއެވެ. ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ ރޯގާތަކުގެ ލިސްޓަށް މިހާރު ކޮވިޑް-19 ވެސްވަނީ އިތުރުވެފައެވެ.
ކޮވިޑް-19 އާއި އަރިދަފުސް ރޯގާއިން ސަލާމަތް ވުމަށް އެއްވެކްސިން އެއް އިޖާދު ކުރެވިއްޖެނަމަ ހުމާއި އަރިދަފުސް ރޯގާއިން ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެކަމަށް ސިއްހަތާބެހޭ މާހިރުން ދެކެވަޑައިގަންނަވައެވެ.
ފައިޒާ ބަޔޯއެންޓެކް އިން އުފައްދާ މި ވެކްސިންގެ ސަބަބުން އެކިބާވަތްތަކުގެ ހުމާއި އަރިދަފުސް ރޯގާތަކުގެ ވައިރަސްތައް ބަލިކޮށްލެވި އެއިން ސަލާމަތްވުމުގެ ފުރުސަތު ލިބި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރެވޭނެ ކަމަށް އެ ދެ ކުންފުނިން ދެކެއެވެ.