އާންމުންގެ ބޮޑު ތަރުހީބަކާއެކު ޔޫއެން ޑޭ ފެއާ ބާއްވައިފި

އދ. ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޚާއްސަ ފެއާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެ ފެއާ ކުރިއަށް ދިޔައީ މިއަދު ހަވީރު 16:00އިން 19:00އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ފެއާ ކުރިއަށް ދިޔަ ވަގުތު ގިނަ ބަޔަކު ވަނީ އެ ފެއާއަށް ގޮސް ގައުމުތަކުގެ ސްޓޯލްތަކަށް ޒިޔާރާތްކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ވެސް ހިމެނެއެވެ.

ހަމައެއާއެކު ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ވަނީ އެ ފެއާގެ ކަންކަން ތަޖުރިބާކޮށްލަން ޒިޔާރަތްކޮށްފައެވެ.

އެ ފެއާގައި އަށް ގައުމެއްގެ އެމްބަސީގެ ފަރާތުން އެ ގައުމުތައް ތަމްސީލްކުރާ ސްޓޯލުތައް ހުއްޓެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާންގެ އިތުރުން ޕާާކިސްތާން، ސައުދީ އަރަބިއްޔާ، ސްރީލަންކާ އަދި އިނގެރޭސިވިލާތުގެ އެމްބަސީ ވެސް ހިމެނެއެވެ.

މީގެ އިތުރުން އދ.ގެ އެކި އިދާރާތަކުގެ ސްޓޯލުތައް ވެސް ވަނީ ފެއާގައި ބަހައްޓައިފައެވެ.

ފެއާއާ މެދު ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އޮފީހުގެ ފަރާތުން ހުދާ އާދަމް ވަނީ އެ ފެއާއަކީ ވަރަށް ކާމިޔާބު ފެއާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ ފެއާއެއްގެ ގޮތުގައި މި ފެންނަނީ. ވަރަށް ގިނަ ބަޔަކުވަނީ އައިސްފައި. ޚާއްސަކޮށް ކުޑަކުދިންނަށް ހުރި ހަރަކާތްތަކަށް އެ ކުދިންގެ ސަޕޯޓު ވެސް ވަނީ ވަރަށް ފުރިހަމައަށް ލިބިފައި،" ހުދާ ވިދާޅުވިއެވެ.

ޔޫއެން ޑޭ 2022 ފާހަގަކުރަން ބޭއްވި ޚާއްސަ ފެއާ -- ސަން ފޮޓޯ/ ހައްޔާން

ހަމައެއާއެކު ފެއާގައި ބައިވެރިވި ބައެއް ގައުމުތަކުގެ ފަރާތުން އެ ގައުމުތަކުގެ ސަފީރުން ވެސް "ސަން"އަށްވަނީ މައުލޫމާތު ދެއްވައިފައެވެ.

އެގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލިޒިން "ސަން"އަށް ވިދާޅުވި ގޮތުގައި އެ ފެއާއަކީ އެ ގައުމުގެ އާދަކާދައާއި ސަގާފަތް އާންމުންނަށް ދައްކާލަން ލިބުނު ފުރިހަމަ ފުރުސަތެކެވެ. އަދި އެ ފަދަ ހަރާކާތެއް ބޭއްވިގެން ދިއުމަކީ އުފާކުރާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ވަރަށް ފުރިހަަމަ އިވެންޓެއް، އަޅުގަނޑުމެންގެ ސްޓޯލުން ވެސްވަނީ ޗައިނާއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހިއްސާކޮށްފައި. ގިނަ ދުވަސްތަކަކަށްފަހު މިފަދަ ކަމެއް ފެނުމަކީ ހިތްހަމަޖެހޭ ކަމެއް،" ލިޒިން ވިދާޅުވިއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު ކެރޯން ހޯސްލާވެސް ވަނީ ކޯވިޑް19ގެ ފަހުން މިފަދަ ހަރަކާތެއް ބޭއްވުމަކީ އދ.ގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ވެސް ލިބުނު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

"މި ތަނުން މިހާ ގިނަ އަދަދެއްގެ މީހުން ފެނުމަކީ ވަރަށް ހިތްހަމަޖެހޭ އުފާވެރި މަންޒަރެއް،" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ޔޫއެން ޑޭ 2022 ފާހަގަކުރަން ބޭއްވި ޚާއްސަ ފެއާ -- ސަން ފޮޓޯ/ ހައްޔާން

އދ. ދުވަހަކީ 1945 ވަނަ އަހަރު އދ.ގެ ޗާޓަރަށް އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 24ގައި ފާހަގަކުރާ ދުވަހެކެވެ.

އދ. ދުވަހަކީ އެ ޖަމިއްޔާގެ ލަނޑުދަނޑިތަކާއި ކާމިޔާބީތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެ ޖަމިއްޔާގެ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ފާހަގަކުރާ ދުވަހެކެވެ.

އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަވީރަކީ ރާއްޖޭގައި ހަރަކާތްތެރިވާ އދ.ގެ ގޮފިން ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ބޭއްވި ހަވީރެކެވެ.

comment ކޮމެންޓް