އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކު، ބޭންކް އޮފް އިންގްލެންޑުން އިންޓްރެސްޓް ރޭޓު ބޮޑުކޮށްފިއެވެ.
ފާއިތުވި 30 އަހަރުދުވަހުގެ ތެރޭގައިވެސް ބޮޑުނުކުރާ މިންވަރަކަށް އެ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފައިވަނީ އެ ގައުމުގެ އިންފްލޭޝަންގެ ސަބަބުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭންކް އޮފް އިންގްލެންޑުން ހާމަކުރިގޮތުގައި އެ ބޭންކުން ވަނީ 2.25 އިންސައްތައިން 3 އިންސައްތައަށް އިންޓްރެސްޓް ރޭޓް މަތިކުރުމަށް ނިންމާފައެވެ.
އިންޓްރެސްޓް ރޭޓް މަތިވުމުގެ ސަބަބުން އާންްމުން ހޭދަކުރާ މިންވަރު ދަށަށް ދާނެއެވެ. އަދި ތަކެއްޗަށް އޮންނަ ޑިމާންޑް ދަށްވާނެއެވެ.
ފާއިތުވި 40 އަހަރުދުވަހުގެ ތެރޭގައިވެސް އިނގިރޭސިވިލާތުގެ އިންފްލޭޝަން މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. މިއާއެކު އެ ގައުމުގެ މިހާރުގެ ކުއާޓާގެ އިންފްލޭޝަން 11 އިންސައްތައަށް ވަނީ އުފުލިފައެވެ.
އިންފްލޭޝަން މަތިވުމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެގެން ދެއެވެ. އިންފްލޭޝަން މައްޗަށް ދަނީ އާންމުން ހޭދަކުރާ މިންވަރު އިތުރުވުމުންނެވެ.
އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކުން ވަނީ އެ ގައުމު މިހާރު އޮތީ ރިސެޝަނަކަށް ގޮސްފައިކަމަށް ބުނެފައެވެ. އަދި 2008 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްއަށްވުރެ ދިގު މުއްދަތަކަށް އެ ގައުމުގެ ރިސެޝަން ދިގުދެމިގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.