ނަސްރުގެ ދުވަސް ހަނދާން ކޮށްދެނީ ހީލަތްތެރިންގެ ރޭވުންތަކަށް ފާރަވެރިވާން ޖެހޭކަން: ޑރ. ޖަމީލު

ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު --- ސަން ފޮޓޯ/ ފަަޔާޒު މޫސާ

ނަސްރުގެ ދުވަސް ހަނދާން ކޮށްދެނީ ހީލަތްތެރިންގެ ރޭވުންތަކަށް އަބަދުވެސް ފާރަވެރި ވާން ޖެހޭކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ ނަސްރުގެ ދުވަހު އާ ކުރަނީ ދިވެހި ގައުމު ދެކެ ލޯބިވާ ދަރިންތަކެއްގެ ޒިކުރާ ކަމަށެވެ. އަދި މިނިވަންކަމުގެ މުހިއްމުކަމާއި ގައުމިއްޔަތަކީ ދަމަހައްޓަން ޖެހޭ އެއްޗެއްކަން މިއަދު ހަނދާން ކުރަންޖެހެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޮވެމްބަރު ތިނެއްގެ އުދުވާނުން ރާއްޖެ ސަލާމަތް ކޮށްދިނީ ދިވެހި ލޭ ހިނގާ ދިވެހި ދަރިންތަކެއް. ނަސްރުގެ ދުވަސް ފާހަގަކުރާއިރު، ބިރުވެރި އަދި ހިތި ހަނދާންތަކެއް ހުރި ނަމަވެސް ދިވެހި ދަރިންގެ ޒިކުރާ އަޅުގަނޑުމެން މިއަދު އާ ކުރަނީ ފަޚުރުވެރިކަމާއެކު،" އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވި ގޮތުގައި ނަސްރުގެ ދުވަސް ސާބިތުކޮށްދެނީ މިނިވަންކަމުގެ ދިފާއުގައި ދިވެހީން ޝަހީދުވާން ތައްޔާރަށް ތިބިކަމެވެ.

ހަމައެއާއެކު ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި އެދުވަހު ދިވެހީން ވަނީ ނަމޫނާ ދައްކާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރާއިރު އެ ދުވަހުން ލިބިގަންނަން ޖެހޭ އިބްރަތްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިނިވަންކަމުގެ ދިފާއުގައި އަބަދުވެެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ހީލަތްތެރިންގެ ރޭވުންތަކަށް ފާރަވެރިވެ ވެސް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުން ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގަނެ ދިވެހި ފަސްގަނޑުގެ ހިމާޔަތުގައި ދިވެހީން ހުށިޔާރުވެ އަބަދުވެސް ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ 1988އަށް ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރާއި އެދުވަހު ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.

އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.

މިއަދު ފާހަގަކުރަނީ 34ވަނަ ނަސްރުގެ ދުވަހެވެ.

comment ކޮމެންޓް