ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އައިވީއެފް ފަންޑު ހުޅުވައިފި

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާއިން ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އަމާޒުކޮށް ޚާއްސަ ފަންޑެއް ހުޅުވައިފިއެވެ.

މި ފަންޑް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި އެ ޖަމްޢިއްޔާއިން "އަ ނައިޓް އޮފް ހޯޕް" ނަމުގައި ރޭ ބޭއްވި ޚާއްސަ ހަފުލާގައެވެ. މި ފަންޑް އިފްތިތާހުކޮށްދެއްވީ އެ ޖަމްޢިއްޔާ އުފެދުނީއްސުރެ މިއަދާ ހަމައަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ މަރިޔަމް ޝެނިންއެވެ.

ދުނިޔޭގެ ފާޓިލިޓީ ދުވަސް ފާހަގަ ކުރުމުގެގޮތުން ކުރިއަށްދިޔަ މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ޕޫޖާ ޓިއްލޫ އާއި ފާޓިލިޓީ ސްޕެޝާލިޓީ ޑޮކްޓަރެއްކަމަށްވާ ޑރ. ސަންކަލްޕް ސިންގްއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރު ޕޫޖާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދައިރާއަށް އެޤައުމުން އެކިގޮތްގޮތުން އެހީތެރިވާ ކަމަށެވެ.

މިގޮތުން އިންޑިއާ ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުން ރާއްޖޭގެ ސިއްހީދާއިރާގެ ކުރިއެރުމަށް އެކި ރޮނގުރޮނގުން އެހީތެރިކަން ދެމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ތިބި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ އެމްބަސީގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދެމުން ގެންދަވާނޭކަމަށްވެސް ޕޫޖާ ވަނީ ވިދާޅުވެފައެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ފާޓިލިޓީ ސްޕެޝާލިޓީ ޑޮކްޓަރެއްކަމަށްވާ ޑރ. ސަންކަލްޕް ސިންގް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތަކުގައި ވޭތުވެދިޔަ 14 އަހަރެއްހާ ދުވަހު މި ދާއިރާގައި ގިނަ އަދަދެއްގެ ދިވެހީންނަށް ފަރުވާދެވިފައިވާކަމަށެވެ. ސަންކަލްޕް ވިދާޅުވީ މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ބުނާނަމަ، ދަރިމައިވުމުގެ ފަރުވާ ހޯދުމަށް ކުރާ މުހިއްމު ދަތުރުގައި އެމީހުންނަށް ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހެންމީހުންގެ އޯގާތެރިކަން ބޭނުންވާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް މީހުންނަކީ ސިއްހީ ކޮންމެވެސް މައްސަލައަކާ ގުޅިގެން ދަރިން ހޯދުމުގެ ދަތުރު ދިގުލައިގެންދާ މީހުންކަމަށެވެ. މުޖުތަމައުގެ ބައެއް މީހުންގެ ކަންކަން ހުންނަގޮތުން އެފަދަ މީހުނަށް ކުރަން ނުވާ ކަހަލަ ސުވާލުތައް ކުރާކަމަށާއި، މި ބާވަތުގެ ކަންކަމުގައި އަނެކާއަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ޑރ. ސަންކަލްޕް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނިފަ އެބަހުރި އެކަކު 13 ފަހަރަށް ބައިގެން ގޮސް އަދި އައިވީއެފްވީވެސް 13 ފަހަރު ފެއިލްވި. އެހެނެއްކަމަކު ހިތްވަރު އެލުވާނުލައި އުއްމީދު އާކޮށް ހިތްވަރުކުރުމުގެ ނަތީޖާއަކީ މިއަދު އެމީހުނަށް އެބަހުރި ދަރިން ލިބިފައި،" ޑރ. ސަންކަލްޕް ވިދާޅުވިއެވެ.

މި ހަފުލާގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހުޅުވި ފަންޑާ ބެހޭގޮތުން ވާހަކަދައްކަވަމުން އެ ޖަމްޢިއްޔާގެ ފައުންޑަރ އާޝާ ހަސަން ވިދާޅުވީ، މިފަދަ ފަންޑެއް ހުޅުވުމުގެ ބޭނުމަކީ ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އައިވީއެފް ހެދުމަށް ބޭނުންވާ، މާލީގޮތުން ދަތިކަން ހުރި މީހުންނަށް މިކަމުގައި އެހީތެރިވެދިނުންކަމަށެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މި ހަފުލާގައި އެ ޖަމްޢިއްޔާއިން ވަނީ އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާ އެކު އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ޚާއްސަ މެމޮރޮންޑަމް އޮފް އަންޑަސްޓޭސްޑިންއެއްގައި ސޮއިކޮށްފައެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާގެ ފަރާތުން ސޮއި ކުރެއްވީ، ޖަމްޢިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސައިންއެވެ. ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއި ކުރެއްވީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ. ސަންކަލްޕް ސިންގްއެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ޚާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މި ހަފުލާގައި އެ ޖަމްޢިއްޔާގެ ބައެއް މެންބަރުން ދަރިމައިވުމަށް އެމީހުންކުރި ދަތުރުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިމައިވުމުގެ ދަތިތައް ތަހައްމަލު ކުރާ އަންހެނެއްގެ އިހުސާސްތައް ދައްކުވައިދޭނެ ފަދަ މުނިފޫހިފިލުވުމުގެ އައިޓަމެއް ޑައޮނީސިއެކުން ވަނީ ހުށަހަޅައިދީފައެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ޖަމްޢިއްޔާއެކެވެ.

ވަރަށް އާދައިގެ ގޮތަކަށް ފެށި އެ ޖަމްޢިއްޔާގެ މަސައްކަތް މިހާރު ވަނީ ދަރިމައިވުމުގެ ދަތިތަކާ ގުޅުންހުރި ތަފާތު މައުޟޫތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެކިއެކި ތަޖުރިބާކާރުންގެ އެހީއާއިއެކު މައުލޫމާތު ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.

ޖަމްޢިއްޔާގެ ހަރަކާތްތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު ޖަމްޢިއްޔާގެ މެމްބަރުންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށްވުރެ ގިނަ އެކްޓިވް މެންބަރުން އެބަތިއްބެވެ. އެއާއެކު ޖަމްޢިއްޔާގެ ހަރަކާތްތައް ކުރިއަށްވުރެ ފުޅާކޮށް، ވީހާވެސް ގިނަބަޔަކަށް ޚިދުމަތްފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާއިން ބުނެއެވެ.

comment ކޮމެންޓް