އުދުވާނީ ހަމަލާތަކުން ރައްކާވެ ތިބުމަށް ދައުލަތުން އިތުރަށް މަސައްކަތް ކުރަން ޖެހޭ: ސިޔާމް

އެމްޑީއޭ ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ފަދަ ހަމަލާތަކުން ރައްކާތެރިވެ ތިބުމަށް ދައުލަތުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހީންގެ މަދު ބަޔަކު އަޑީގައި ތިބެ، ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް މެދުވެރިކޮށް 1988ގައި ދިން ހަމަލާއަކީ މި ފަހުގެ ތާރީޚެއްގައި ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.

"އެދުވަހުގެ ހަނދާންތައް އަޅުގަނޑުމެން ދިވެހީންގެ ހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ. އެ ނުރައްކާތެރި ދަނޑިވަޅު، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި އެންމެހައި ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން،" ސިޔާމް ވިދާޅުވިއެވެ.

ނަވާރަ ދިވެހީން ޝަހީދުވި އެ ހަމަލާއިން ދިވެހީންނަށް ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށާއި އެ ހަމަލާގެ ފަހަތުގައި ތިބި ދިވެހީން ފަދަ ނުރައްކާތެރި ބަޔަކު މިއަދު ވެސް މި މުޖުތަމައުގައި ތިބި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މިފަދަ އުދުވާނީ ހަމަލާތަކުން ރައްކާތެރިވެ ތިބުމަށް، ދިވެހި ދައުލަތުގެ އެންމެހައި އިދާރާތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށް، ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅުގަނޑު ގޮވާލަން،" ސިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަހަތަށް ބުރޫ އަރާފާނެ އެންމެހައި ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގެ އަޒުމުގައި ދިވެހިން ސާބިތުވެ ތިބުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ.

"ގައުމަށް ވަފާތެރި، ކޮންމެ ކަމެއްގައިވެސް ގައުމު އިސްކުރާ މުވާތިނަކަށް ވުމަށް ހުރިހާ ރައްޔިތުންވެސް އަޒުމު ކަނޑައެޅުމަށް އަޅުގަނޑު ގޮވާލަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ ހުރިހާ މެމްބަރުންނަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

ދިވެހިންގެ ބަޔަކާ ގުޅިގެން 1988ގައި ރާއްޖެއަށް ހަމަލާ ދިނީ ތަމަޅަ ޓައިގަރުންގެ ބަޔެކެވެ. މި ދުވަސް ފާހަގަ ކުރަނީ އެ ދުވަހު އެ މީހުންގެ މައްޗަށް ނަސްރު ލިބުމުން، އެކަން ހަނދާންއާ ކުރުމުގެ ގޮތުންނެވެ.

އެ ދުވަހު ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

comment ކޮމެންޓް