ހޯނޑެއްދޫގައި ވަޅުލާފައި ހުރި އިތުރު މަސްތުވާތަކެތި ހޯދައިފި، ޖުމްލަ އަދަދު 82 ކިލޯއަށް

މިއަދު ހޯނޑެއްދުއާއި ފަޅު ރަށަކުން ފެނުނު މަސްތުވާތަކެތި -- ފޮޓޯ/ ސީޕީ

ގދ. ހޯނޑެއްދު އާއި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއްގައި ވަޅުލާފައި ހުރި 69 ކިލޯގެ މަސްތުވާތަކެތި މިއަދު ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯނޑެއްދޫގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން މިދިޔަ ހުކުރު ދުވަހު ވެސް ފުލުހުން ހާމަކުރި އެވެ. ނަމަވެސް އޭރު ފެނުނީ ކިހާ ބަރުދަނެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ހާމަނުކުރެއެވެ.

މިއަދު ސީޕީ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހޯނޑެއްދުއިން ފެނުނީ 13 ކިލޯގެ ހެރޮއިން ކަމަށެވެ. އަދި މިއަދު ހޯނޑެއްދުއާއި އެ ރަށާ ކައިރި ފަޅު ރަށަކުން 69 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެހެންކަމުން މި ދެ ދުވަހު ފެނުނު މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި މެތެމްފެޓަމިން ކަމަށެވެ.

ހޯނޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަބްދުﷲ ރަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ. އާއިލާއިން ތުހުމަތު ކުރާގޮތުގައި އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި ދެ ދުވަހު ވެސް ހޯނޑެއްދޫ ވަލުތެރެއިން މަސްތުވާތަކެތި މި ހޯދީ މި އޮޕަރޭޝަންގެ ތެރެއިންނެވެ.

އަބްދުﷲގެ އާއިލާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އޭނާގެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާ އޭނާގެ އާއިލާއިން ދެކޮޅު ހަދައެވެ. އެ މީހުން އެދެނީ އޮޓޮޕްސީ ނުހަދައި ވީހާ އަވަހަށް ވަޅުލައި ދިނުމަށެވެ.

comment ކޮމެންޓް