ހޭލެވުނީ ބޮޑުދައިތަ ގޮވާ އަޑަށެވެ. އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ފަތިސް ވަގުތެވެ. އާއްމުކޮށް އެންމެ އަމާން އަދި ހަމަހިމޭން ވަގުތަކީ ފަތިސް ވަގުތު ނަމަވެސް އެރޭގެ އެވަގުތުގެ ހާލަތު ތަފާތެވެ. އެހެން ރޭތަކާ ޚިލާފަށް އެ ވަގުތު އަޑު ގަދައެވެ. ކޮން އަޑެއްކަން ސީދާ ބުނެދޭން ނޭނގުނަސް ކޮންމެސް ވަރަކަށް ބަޑީގެ އަޑާ އެ އަޑުތައް ވައްތަރުވިއެވެ.
މިއީ މީގެ 34 އަހަރު ކުރިން ރާއްޖެއަށް އުދުވާނީ ހަމަލާ ދިން ދުވަހު ރިޓަޔާޑް ވޮރަންޓް އޮފިސަރު ތިނެއް، ޖައުފަރު އަބްދުއްރަހްމާނަށް އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކުގެ ވާހަކައެވެ.
ޖައުފަރަކީ މ. ރަތްމަންދޫއަށް އުފަން މީހެކެވެ. އުމުރުން 22 އަހަރުގައި އޭނާ ސިފައިންގެއަށް ޚިދުމަތް ކުރަން ފެށީ 1982ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. ޖުމުލަ 31 އަހަރު އޭނާ ސިފައިންގޭގައި މަސައްކަތްކުރުމަށް ފަހު ރިޓަޔާ ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާން ކުރިމަތިވިއިރު، ސިފައިންނާއި ފުލުހުންނަކީ އެއް މުއަސަސާއެއްގެ ދަށުން މަސައްކަތް ކުރާ ބަޔަކަށްވީއިރު އޭނާ ވަނީ ޖުމުލަ 20 އަހަރު ފުލުހެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. 1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު ޖައުފަރު ހުރީ ޕްރައިވެޓެއްގެ ގޮތުގައެވެ.
އުދުވާން ކުރިމަތިވިވި ދުވަސްކޮޅު އޭނާ މަސައްކަތްކުރީ ޕޮލިސް ހެޑްކުއާޓާޒްގައެވެ. އެ އުދުވާން ކުރިމަތިވި ދުވަހަކީ ވެސް ތަހުގީގެއްގެ ކަމެއްގައި އޭނާ ކ. ކާށިދޫއަށް ފުރަން އޮތް ދުވަހެކެވެ. އެރޭ ބޮޑުދައިތަ ގޭގައި ޖައުފަރު ނިދި ސަބަބަކީ ވެސް އެއީއެވެ.
"ނޮވެންބަރު ތިންވަނަ ދުވަހު ވަރަށް ފަތިހާ ފުރަން އޮތީ. އެހެން އޭގެ ކުރީ ރޭ ވަރަށް އިރު އެކި ކަންކަމުގައި އުޅެފަ ފަތިހު ނުހޭލެވިދާނެތީ ބޮޑުދައިތަ ގެއަށް ގޮސް ނިދީ، ބޮޑު ދައިތަ ގާތުގަ ފަތިހު ގޮވާށޭ ކިޔާފަ. ދެން ފަތިހު ހޭލިރު އިވޭ ބަޑިޖަހާ އަޑު. އޭރު ޔަގީނެއް ނޫން. އެއީ އޭގެ ތަންކޮޅެއް ކުރިން އިވުނު ބަޑިގުދަނުން އެއްޗެއް ގޮވާ އަޑު. އެތާ ތެރޭގައި ހުރި ހަވާތަކެއްގައި ރޯވެގެން. ތިނެއްގައި ވެސް އެހެންވީމަ އެގޮތަށް ވިސްނުނީ، ބޭރުން ބަޔަކު އައިސް ހަމަލާދީފާނޭ އެއްވެސް ވަރަކަށް ހިތަކަށް ނާރާ،" އޭނާ ބުންޏެވެ.
އިރުގަނޑެއް ވިއިރުވެސް އެ އަޑުތަކަކަށް ހުއްޓުމެއް ނާދެއެވެ. އަދި އޭރު އިވެނީ ހަވާތަކެއްގެ ރޯވެގެން އިވޭ އަޑުތަކަށް ވުރެ ތަފާތު އަޑެއްކަން ވެސް ފާހަގަކުރެވިއްޖެއެވެ. ސިފައިންގޭގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ސިފައިންގެއަށް ދާން ޖެހޭނެކަމަށް ގަބޫލު ކުރެވިގެން ޖައުފަރު ގެއިން ނިކުތީ ސިފައިންގެއަށް ދިއުމަށް ބައިސްކަލުގައެވެ.
އޭރަކީ ސިފައިންގޭގައި ވަކި މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މީހުންނަށް ކުލަ އެއްޗެހި ލައިގެން އުޅުމުގެ ހުއްދަ އޮންނަ ދުވަސްވަރެކެވެ. އެ ހުއްދައިގެ ދަށުން ޖައުފަރު ވެސް އެ ދުވަހު ގެއިން ސިފައިންގެއަށް ދާން ނިކުތީ ކުލަ ހެދުމުގައެވެ.
"އަލިކިލޭގެފާނު މަގަށް ނިކުންއިރު ކަންމަތީގަ ތިބި މީހުން ބަނޑޭރި ކޮށި ކަންމަތީގައި ވެސް ތިބި މީހުން. އެ އެންމެންވެސް ގޮވި ނުދާށޭ ކިޔާފަ. އެކަމު ސިފައިންގެ މީހަކަށް ވީމަ އޭރު ސިފައިންގެއިން އަޅުގަނޑަށް ބޭނުންވެދާނެ ކަމަށް ގަބޫލު ކުރެވޭތީ ވަރަށް ބާރަށް ދުއްވާފަ ދިޔައީ ސިފައިންގެއަށް ދާން ވެގެން،" އޭނާ ބުންޏެވެ.
ސިހުން ލިބުނީ ބަޑީގެ ހަމަލާގައި ޒަހަމްވެފައިވާ މީހަކު ފެނުމުން
ޖައުފަރު މަޑުކޮށްލީ ދަރުމަވަންތަ މަގުން ހުރަސްކުރި ވަގުތު މީހަކު ފަހަތުން ގޮވާލީމައެވެ. މީހަކު ގަޔަށް ވަޒަން އަރައިގެން އޭނާ ސަލާމަތްކޮށްދޭން އެދި މީހަކު ގޮވާލި އަޑަށެވެ. އެ ހިސާބަށް މަޑުކޮށް އެ ގޭތެރެއަށް ވަނުމުން ޖައުފަރަށް ފެނުނީ ބަނޑޭރިގޭ އިރު ގޭޓުގައި ޝަހީދު ކޯޕްރަލް ހުސައިން އާދަމްއާއެކު ޑިއުޓީގައި ހުރި އާދަމް މުހައްމަދު (ގުލްބަކާ) ގަޔަށް ވަޒަން އަރައި ޒަޚަމްވެފައިވާ މަންޒަރެވެ.
ގުލްބަކާއަށް ލިބުނު ޒަޚަމްތަކާއެކު ދުޝްމަނުންގެ ކިބައިން ސަލާމަތްވުމަށް އޭނާއަށް ވަދެވުނީ އެގެއަށް ކަމަށްވާއިރު، އެގޭގެ މީހުން އޭނާ އަށް އެހީތެރިވާތަން އޭރު ޖައުފަރަށް ފެނުނެވެ. ނަމަވެސް އޭރުވެސް އެއީ ކޮން ކަހަލަ ކަމެއް ކަމެއް ޖައުފަރަށް އަންދާޒާވެސް ނުކޮށްލެވެއެވެ. އެ ހިސާބުން އޭނާގެ މަސައްކަތަށްވީ ޒަޚަމްވެފައި އޮތް ގުލްބަކާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމެވެ.
އެ މަސައްކަތުގައި އެންމެ ފުރަތަމަ އޭނާ ގުޅީ ސިފައިންގެއިން ވެހިކަލެއް ހޯދުމަށް ސިފައިންގެއަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދެތިން ފަހަރު މަތިން ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ވެސް ވެހިކަލެއް ހޯދުމުގެ މަސައްކަތް އޭނާ ކުރިއެވެ.
ޖައުފަރު ހުރި ހާސްކަން މަތީގައި އަމަލުކުރެވޭ ގޮތެއް އަދި ދެއްކޭ ވާހަކައެއް ޚުދު އޭނާއަށް ވެސް އޮޅުމެއް ނުފިލައެވެ. އޭނާ އުޅުނީ ގުލްބަކާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވޭނެ އެއްވެސް ގޮތެއް ފެނޭތޯއެވެ.
ގުޅައިގެން ކުރި މަސައްކަތުން އެއްވެސް ކަމެއް ހާސިލުނުވެ ހުއްޓާ، ކާރެއް އަންނަތަން ފެނިގެން އޭނާ އެ ކާރު ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.
"އެ ކާރު އަންނަތަން ފެނިގެން މަގު މެދުގައި ހުރެގެން އަތް ނަގައިފިން. އައިސް ހުއްޓުނީމަ ކާރު ދޮރު ވެސް ހުޅުވައިފިން. އޭރު ހުރީ ވަރަށް ހާސްވެފަ. އަޅުގަނޑުކުރިމަތީގައި މީހަކު ގައިން ލޭ ފައިބާތީ. އަނެއްކާ ސިފައިން ގުޅީމަ ބަޔަކު ހަމަލާދޭކަން އިނގުނީމާ އިތުރަށް ހާސްވި. އެހެންވީމަ އަޅުގަނޑަށް މާ ބޮޑަށް ކިޔޭ އެއްޗެއް ނޭގުނަސް އަޅުގަނޑު ބޭނުންވީ ގުލްބަކާ ހޮސްޕިޓަލަށް ގެންދަން،" ޖައުފަރު ބުންޏެވެ.
ޒަޚަމްވެފައިވާ ގުލްބަކާ ކާރަށް އަރުވައިގެން އަލިކިލޭގެފާނު މަގަށް ނިކުމެ، ބެންޒިމާގޭ ދޮރާ ހިސާބަށް ދެވުމާއެކު ދުޝްމަނުން އެ ކާރަށް ބަޑިޖެހިއެވެ. އެ ވަޒަން އެރީ ކާރުގެ ފަހަތު ވިންޑް ސްކްރީނަށެވެ. އެ ވަޒަން ކާރުގެ ކުރިމަތީ ވިންޑްސްކްރީނަށް އަރައި އެ ސްކްރީންވެސް ތަޅައިގެންދިޔައެވެ. އަދި ފަހަތު ވިންޑްސްކްރީން ތަޅައިގެން ގޮސް ބިއްލޫރި ކޮޅު ކޮޅު ޖައުފަރުގެ އަތަށްވެސް ހެރުނެވެ.
ދުޝްމަނުންގެ ދެވަނަ ވަޒަން އަމާޒުވީ ކާރުގެ ބޮނެޓަށެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާގެ ކުޅަދާނަ ކަމުން މަޖީދީމަގުން ވެސް މަޑުކުރުމެއް ނެތި އެ ކާރު ގޮސް މަޑުކުރީ ސީދާ ސެންޓްރަލް ހޮސްޕިޓަލު ގޭޓު ތެރެއަށެވެ.
"އަޅުގަނޑު ބުނާނީ ކާރު ދުއްވަން އިން މީހާ ވަރަށް މޮޅޭ ހަމަ. އެއީ ދެން އަޅުގަނޑުމެން ސަލާމަތްވުމަށް ލިބުނު ވަރަށް ބޮޑު ރަހުމަތެއް،" އޭނާ ސިފަކޮށްދިނެވެ.
ޖައުފަރު ވަނީ އެ ދުވަހު ހޮސްޕިޓަލަށް ދިޔައިރު ފެނުނު މަންޒަރު ވަރަށް ކައިރިން ދެކި އެ މަންޒަރު ސިފަކޮށްދީފައެވެ.
ޒަޚަމްވި މީހުންނާ އެންމެ ގާތުގައި
އެގޮތުން އެ މީހުން ހޮސްޕިޓަލަށް ވަތް ވަގުތު ފެނުނީ ގިނަ ބަޔަކު ހާސްކަމެއްގެ ތެރޭގައިވާ މަންޒަރެވެ. އަދި ވަރަށް ގިނަ މީހުންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޒަން އަރައިގެން ފަރުވާދިނުމަށް އޭރު ވަނީ ހޮސްޕިޓަލަށް ގެނެސްފައެވެ.
ހޮސްޕިޓަލަށް ދިއުމަށް ފަހު ވެސް އޭނާ ހުރީ ގުލްބަކާގެ އަތުގައި ހިފައިގެންނެވެ. އެހިސާބުން އޭނާ މަޑުކުރަން ޖެހުނީ ހޮސްޕިޓަލުގައެވެ. އެ ވަގުތަކީ އެ ހާލަތަށް އެންމެ އެކަށީގެންވާ ޑޮކްޓަރުން ވެސް އިއްތިފާގުން ހޮސްޕިޓަލުގައި ތިބި ވަގުތެކެވެ.
"އެވަގުތު އަޅުގަނޑަށް ގުލްބަކާއަކާ ދުރެއްވެސް ނުވެވުނު. އޭނާ އޭރުވެސް އަޅުގަނޑުގެ އަތުގައި ހިފައިގެން ނުދިއުމަށް އެދުނު. ވަސިއްޔަތްވެސް ކުރި. އޭނާ ގަބޫލުކުރި ގޮތުގައި އެއީ އޭނާގެ ފަހު ވަގުތުގައެވެ،" އޭނާ ކިޔާދިނެވެ.
ޒަޚަމް ލިބިފައިވާ އަދި ވަޒަން އަރައިފައިވާ މީހުންގެ ސާޖަރީތައް ކުރަން ޑޮކްޓަރުން އެންމެ ބޮޑަށް ހަރަކާތްތެރިވި ވަގުތު މުޅި މާލެއިން ކަރަންޓް ކަނޑާލިއެވެ. އެވަގުތު ނަރުހުން ދެތިން ގްލޫކޯސް ސްޓޭންޑް ގެނެސް އެމެޖެންސީ ލައިޓް ހަރުކުރިއެވެ. އެ ދެމެދަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ހޮސްޕިޓަލުގެ ޖަނަރޭޓަރުން ކަރަންޓް ނެގުމަށް ދަތިތަކެއް ދިމާވެ ވަގުތުކޮޅެއް ނެގުމެވެ.
އެކަމުގެ ތެރޭގައި އުޅެނިކޮށް ޖައުފަރު ބޭރަށް ނިކުންނަށް ޖެހުނީ އޭރުގެ ލެފްޓިނެންޓް އަހުމަދު ޒާހިރު އޭނާ ހޯދާ ވާހަކަ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ބުނުމުންނެވެ. އޭރު ޝިޔާމަކީ ވެސް އާދައިގެ ސިފައިންގެ މީހެކެވެ.
ޖައުފަރު ބޭރަށް ނިކުތުމުން ފެނުނީ އާދަމް މަނިކުގެ ފައި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މަންޒަރެވެ. އެ ހިސާބުން ޖައުފަރަށް ޖެހުނީ އާދަމް މަނިކު ގާތު މަޑުކުރާށެވެ. އޭނާ އަށް ދޭން ޖެހޭ ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކުރުމަށް ފަހު ވެސް ޖައުފަރު ހޭދަކުރަން ޖެހުނީ ހޮސްޕިޓަލުގައެވެ.
އެ ބިރުވެރި ދުވަހުގެ ހާސްކަން އެންމެ ބޮޑަށް ވެރިވެފައި އޮތް އެއްތަނަކީ ހޮސްޕިޓަލް ކަމުގައި ވެސް ވާތީއެވެ. ސިފައިންގެ ގޮތުގެ ތިބެ ޒަޚަމްވެގެން ގެނައި މީހުން ހިމެނޭހެން ހޮސްޕިޓަލުގެ ތިބި ހުރިހާ ބަލި މީހުންގެ ޒިންމާ ނަގަން ޖެހުނީ އެމީހުންނަށެވެ.
އޭގެ ފަހުން ކޮންމެވެސް ވަރަކަށް ބަޑީގެ އަޑު މަޑުވާހެން ހީވެއެވެ. އަދި މެންދުރުފަހުގެ ވަގުތެއްގައި ދުޝްމަނުންގެ ގެ ތެރެއިން ބަޔަކާއެކު ސަނގަރު ނާސިރު ހޮސްޕިޓަލުގެ ވެރިން ހޯދުމަށް ހޮސްޕިޓަލަށް ދިޔައެވެ. އެމީހުންގެ ބޭނުމަށް ހޮސްޕިޓަލުގެ ވެހިކަލް ހޯދާށެވެ. އޭގެ ފަހުން އެމީހުން ހޮސްޕިޓަލުގެ ވެހިކަލުގައި ދިޔައީއެވެ.
އެ ދުވަހު ހޮސްޕިޓަލުގައި ޒަޚަމްވެގެން ގެންދިޔަ މީހުން އެންމެ ގާތުން ފެނުނު މީހަކީ ޖައުފަރެވެ. އަދި އެ މީހުންގެ ޚިދުމަތުގައި ވެސް ހުރީ އޭނާއެވެ.
އުދުވާން ކުރިމަތިވި ދުވަހަކީ ކިތަންމެ ބިރުވެރި އަދި ނާމާންކަން ވެރިވެފައިވާ ދުވަހަކަށް ވީނަމަވެސް އެދުވަހު ދިވެހިންގެ ތެރެއިން ފެނިގެން ދިޔައީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.
އެކަން ވަރަށް ގާތުން ތަޖުރިބާކުރަން ލިބުނު މީހަކަށް ވެސް ޖައުފަރު ވާނެއެވެ.
ޖައުފަރު ސިފަކުރިގޮތުގައި އެދުވަހު ޝަހީދުވެގެން ދިޔަ ހުރިހާ ޝަހީދުންނަކީ ވެސް ގައުމީ ދަރިންނެވެ. ގައުމު ދެކެ ލޯބިވާ، ގައުމަށްޓަކައި ފުރާނަ ގުރުބާން ކުރުމަށް ފަސް ނުޖެހުނު ހިތްވަރުގަދަ ދަރިންތަކެކެވެ.
ހާއްސަކޮށް ޖައުފަރު ވަނީ ތިނެއް ނޮވެމްބަރުގެ ބަތަލުގެ ގޮތުގައި މުޅި ރާއްޖެ ހެކިވާ ޝަހީދު ހުސައިން އާދަމްގެ ނަން ފަހުޚުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
މިއަދު ޖައުފަރުގެ އުމުރުން 62 އަހަރު ވެފައިވާއިރު، އަދިވެސް 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ވީ ބުރާސްފަތި ދުވަސް އޭނާގެ ހިތުގައި މިއަދުވެސް ވަނީ ބިންވަޅު ނެގިފައެވެ. އެދުވަހު ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޖައުފަރު ކުރެއްވި މަސައްކަތަށް އޭނާއަށް ވަނީ ނޮވެމްބަރު ތިނެއްގެ މެޑަލް ވެސް ލިބިފައެވެ.
މިއަހަރު 34ވަނަ ނަސްރުގެ ދުވަސް ފާހަގަކުރާއިރު އަދިވެސް ޖައުފަރުގެ ހިތުން އެދުވަހުގެ ބިރުވެރި ހަނދާންތައް ނުފިލައެވެ.