ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 32.50 މިލިއަން ރުފިޔާއަށެވެ.
ހަތްސަތޭކަ ތިރީސް ހަ މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫ އަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ.
އެގޮތުން ހަންޏާމީދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަކީ ވެސް ފަތުރުވެރިކަމެވެ. ރަށުގައި އުޅޭ ގިނަ މީހުން އާމްދަނީ ހޯދަނީ ކައިރީގައި ހުންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލައަށް ގެންސްޓްހައުސް ވިޔަފާރި ކޮށްގެންނެވެ. އެ ރަށުގައި މިހާރުވެސް 12 ގެސްޓްހައުސްއާއެކު 100 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ.
"ގެސްޓްހައުސް ވިޔަފާރިއާއެކު އެ ރަށުގައި ޑައިވިން ދޯނިފަހަރު، ލޯންޗު އަދި ޑިންގީތައް ވަނީ އިތުރުވާން ފަށާފައެވެ. ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ، "ބިގް ގޭމް ފިޝިން" އަދި އެކްސްކާޝަންސްއަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު މި ރަށުގައި ކުރީގައި އޮތް މުސްކުޅި ބަނދަރުގެ ބަދަލުގައި، ޒަމާނީ ރީތި ބަނދަރެއް ލިބިގެން ދިޔުމަކީ ރައްޔިތުންނަށް ލުއިފަސޭހައަކާއި އުފަލެއް ލިބޭނެ ކަމެއް ކަމަށް މި ކުންފުނިން ދެކެން،" އެމްޓީސީސީން ބުންޏެވެ.
މުސްކުޅި ބަނދަރު ބާވެ، މަރާމާތަށް ބޭނުންވެފައި އޮއްވާ ބަނދަރަށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލު ކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް، ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ލިބެއެވެ.
ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެން ދިޔުމަކީ އިގްތިޞާދީ ގޮތުން ބެލިކަމުގައި ވިޔަސް އޭގެ ފައިދާ ރައްޔިތުންނަށް އިންތިހާއަށް ލިބޭނެ މުހިއްމު މަޝްރޫއެއް ކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
އެ މަޝްރޫއުގެ ދަށުން 6،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހާފައެވެ. އަދި 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، މޫރިން ބޮއެ އާއި ބަނދަު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ވޭތުވެ ދިޔަ 41 އަހަރުގެތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.