ބޮޑެތި ކުށްތަކުގައި ދައުވާނުކޮށް ބެހެއްޓޭ މުއްދަތު އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ---

ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުން ބަންދުގައި ބޭތިއްބޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލަށް ކޮމެޓީން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

އެގޮތުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ބަންދުގައި ބެހެއްޓޭ މުއްދަތާއި، އެފަދަ ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ތަހުގީގު ދިގު ދަންމަން ބޭނުންވާނަމަ އެ މުއްދަތު އިތުރުކުރުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ގިނަވަގެން ބަންދުގައި ބަހެއްޓޭނީ 75 ދުވަހުއެވެ. މި އިސްލާހާއެކު 90 ދުވަހަށް އެ މީހަކު ބަންދުގައި ބެހެއްޓުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބޭނެއެވެ.

އަދި، ތަހްގީގުގެ މުއްދަތު 45 ދުވަހުން 60 ދުވަހަށް އިތުރު ކުރުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން، ކޮމެޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންނަށް އިތުރު ގާނޫނީ މަސައްކަތް ނުކުރެވޭގޮތް ހެދުން ހިމެނެއެވެ. އަދި ދަށު ކޯޓަކުން ހައިކޯޓަށް ހުށަހަޅާ ވަކި ބާވަތުގެ މައްސަލަތަކާ މެދު އެންމެ ފަނޑިޔާރަކަށް ގޮތް ނިންމޭނެގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި ނިންމާ ނިންމުންތަކާއި، ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތަކެވެ.

ކޮމިޓީން ފާސްކުރި އިސްލާހު ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. އެ އިސްލާހަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

comment ކޮމެންޓް