އަލްޖަޒާއިރު (2 ނޮވެމްބަރު 2022): އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ 31 ވަނަ ސަމިޓް އަލްޖަޒާއިރުގައި އިއްޔެ ފަށައިފިއެވެ.
މިއީ 2019 ވަނަ އަހަރަށްފަހު ބާއްވާ އަރަބި ފުރަތަަ ސަމިޓެވެ. އަރަބި ލީގުގައި ހިމެނޭ 21 ގައުމު ބައިވެރިވާ މިސަމިޓްގައި އެންމެ އިސްވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ އަރަބި 13 ގައުމެއްގެ އިސްވެރިންނެވެ. ހަތް ގައުމަކުން ތަމްސީލު ކުރަނީ ބޮޑުވަޒީރުން، ވަލީއުލްއަހްދުން، ނައިބު ރައީސުން އަދި ޚާރިޖީ ވަޒީރުންގެ ލެވެލްގެ ވެރިންނެވެ.
އަރަބި އެންމެ މުހިއްމު އެއްގައުމު ކަމަށްވާ ސީރިޔާ މި ސަމިޓްގައި ބައިވެރިނުވެއެވެ. އެއީ މީގެ ދިހަ އަހަރު ކުރިން އަރަބި ލީގުން ސީރިޔާ ބޭރުކޮށްފައިވާތީއެވެ. ސީރިއާ އަލުން އަރަބި ލީގަށް ވައްދަން ބޭނުންވާކަން އަލްޖަޒާއިރު ހިމެނޭގޮތަށް އަރަބި އެތައް ގައުމަކުންވަނީ ހާމަކޮށްފައެވެ. ނަމަވެސް ގަތަރުފަދަ ސީރިޔާއާ ދުޝްމަންކަން ގެންގުޅޭ މަދުގައުމުތަކުގެ ދެކޮޅުހެދުންތަކާ ގުޅިގެންނާ އަދި އަރަބި ލީގަށް އެނބުރި ރުޖޫއަވުމުގެ ޝައުގުވެރިކަން ސޫރިޔާ ސަރުކާރުގެ ކިބައިގައިވެސް މިހާރު ކުޑަކަމުން ސީރިޔާ އަލުން އެނބުރި އަރަބި ސަފަށް އައުމުގެ ކަންތައްވަނީ ލަސްވެފައެވެ.
އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫން ގެ ޒަޢާމަތުގެ ދަށުން ބާއްވާ މިސަމިޓްގެ ޝިއާރަކީ "އަރަބި ސަފުތައް އަލުން އެކަތި ގަނޑަކަށްހެދުން" މިޝިއާރެވެ. ސަމިޓްގައި އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އޮތީ ފަލަސްތީނުގެ މައްސަލައެވެ.
އެއީ ފަލަސްތީނަށް މާލީ ގޮތުން އެހީތެރިވުމާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދަށް ތާއީދުކޮށް އެކަމަށް އެއްބާރުލުން ދިނުމެވެ. އަދި ފަލަސްތީނުން އިއުލާނުކޮށްފައިވާ މިނިވަން ދައުލަތް އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމަށްޓަކައި އދ. ގެ މަހްފަލްތަކުގައާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ހިންގަންޖެހޭ ޑިޕްލޮމެޓިކް ހަރަކާތްތައް ހިންގުމެވެ.
މިކަމަށްޓަކައި އަރަބި ސަމިޓްގެ މިދައުރުގެ ރައީސް އަދި އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫންވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އަރަބި ގައުމުތަކުގެ އެއްބައިވަންތަކަމަށާއި އަދި ފަލަސްތީނުގެ މައްސަލައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަރަބި މަދުގައުމުތަކެއް އެމެރިކާއާ ގުޅިގެން އިސްރާއީލާއެކު ގުޅުންތައް ގާއިމްކޮށް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ލޯމަރާލައިގެން ތިބުމާއި އަދި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް އިސްރާއީލުން ކުރަމުންގެންދާ ގޯނާތަކަށް އަޅާނުލައި ތިބޭ މައްސަލައެވެ.
އެމެރިކާއާ ގުޅިގެން މިފަހަކަށް އައިސް އިސްރާއީލާ ގުޅުންތައް ގާއިމްކުރި އަރަބި ތިން ގައުމަކީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)، ބަހްރައިން އަދި މަޣްރިބް (މޮރޮކޯ) އެވެ. މި ތިން ގައުމު ގެންދަނީ ފަލަސްތީނުގެ މައްސަލައަށް ކުޑަވެސް ބަލާލުމެއްނެތި އިސްރާއީލާ ގުޅުންތައް ބަދަހިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލަށްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރުމަށާއި މަސްޖިދުލްއަގްސާއަށް ގޯނާކުރުމަށް ކުރިއަށްވުރެ ބޮޑު ހިއްވަރެއް ލިބިފައެވެ.
އަރަބި ސަމިޓްގައި އެފްރިކާގެ އިއްތިޙާދުގެ މިދައުރުގެ ރައީސް ސެނެގާލުގެ ރައީސް މާކީ ސާލް އާއި ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ މިދައުރުގެ ރައީސް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރެޝް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.