ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު ވިޔަފާރި މަސްލަހަތެއް އޮތް ނަމަވެސް އެ މައްސަލަ ބެއްލެވި އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ނިޝާރުގެ މަސްލަހަތު އޮތުމުން އޭނާ ފުރަތަމަ މައްސަލައިން ތަނާޒުލުވި ކަމަށެވެ. ނަމަވެސް، އެ މައްސަލަ ބަލަން އެހެން މެޖިސްޓްރޭޓަކު އައްޔަންކޮށްފައި ވަނިކޮށް ނިޝާރު އަމިއްލައަށް އެ މައްސަލަ ބައްލަވަން ނިންމެވި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ނިޝާރު އަމިއްލައަށް އެ މައްސަލަ ބެލުމާ އަލުން ހަވާލުވީ ކުރިން ތަނާޒުލުވި ސަބަބު ހަމަ އެގޮތުގައި ދެމި އޮއްވައި، ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން އެ މައްސަލަ ބެލުމާ ނިޝާރު އަލުން ހަވާލުވީ، ދައުވާ ލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނިޝާރުގެ މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އެ މައްސަލައާ ގުޅިގެން ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ފެންނަ ކަމަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.
ޖޭއެސްސީން ވަނީ ގއ. ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާކަން މިއަދު ހާމަކޮށްފައެވެ.
ޖޭއެސްސީން ބުނީ ލުއައްޔުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ދާންދޫ ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަމާއި ކޯޓުގެ ރަސްމީ ގަޑީގެ އިތުރުން އެހެން ވަގުތުތަކުގައި ވެސް ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވަން އިސް މެޖިސްޓްރޭޓް ލުއައްޔު މަސައްކަތްކުރިކަން ވެސް ސާބިތުވެފައިވާ ކަމަށް ކޯޓުން ބުންޏެވެ.