ނިލަންދޫ ނަރުދަމާ ހައްލުކުރާނެ ގޮތުގެ ޓައިމްލައިން ހުށަހެޅުމަށް ކޮމިޓީން ދިނީ ދެ މަސް

ފ. ނިލަންދޫ ނަރުދަމާ ނިޒާމަކީ ޔުނިސެފްގެ އެހީގައި 2007 ވަނަ އަހަރު ގާއިމް ކޮށްފައިވާ ނަރުދަމާގެ ނިޒާމެއް

ފ. ނިލަންދޫ ނަރުދަމާ ނިޒާމް ހައްލުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމައި، އެ މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިނެއް ދެ މަސް ދުވަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާ ހިއްސާ ކުރުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމް ހަލާކުމުމާއެކު އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެ، ރަށުތެރެއަށް ނަޖިސް ފެންތައް ދައުރުވާތީ އެކަމުގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައި، މިދިޔަ އޮގަސްޓު މަހު މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެއެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ހަމީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮންމެ ރަށެއްގައި ވެސް އެރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ އަސާސީ ހައްގެއްގެ ގޮޮތުގައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކީ ކަމާގުޅޭ ގާނޫނާ ގަވާއިދުތަކުގެ ތެރެއިންވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ގަރާރުގައިވެއެވެ.

"މިހާރު ނިލަންދޫގައި ގާއިމްކުރެވިފައިވާ ނަރުދަމާގެ މައްސަަލައަކީ އެ ޚިދުމަތެއް ރައްޔިތުން ހޯދަމުން ދިއުމުގައި ނަރުދަމާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އިޖްތިމާއީ އަދި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމެއް،" ގަރާރުގައި ވެއެވެ.

އެ ގަރާރު ދިރާސާ ކުރުމަށް އޮގަސްޓު މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ނިލަންދޫ ކައުންސިލް އަދި ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުންނާ ބައްދަލު ކޮށްފައެވެ.

ގަރާރާ ގުޅޭގޮތުން ކޮމިޓީން ކުރި ދިރާސާތަކުން ނިލަންދޫ ނަރުދަމާ ނިޒާމަކީ ޔުނިސެފްގެ އެހީގައި 2007 ވަނަ އަހަރު ގާއިމް ކޮށްފައިވާ ނަރުދަމާގެ ނިޒާމެއް ކަން ފާހަގަވެފައިވާކަމަށް ކޮމިޓީން ބުންޏެވެ.

"2012 ވަނަ އަހަރު އޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީން ނިލަންދޫގެ ނަރުދަމާ ނިޒާމް ހިނގަމުންދާ ގޮތުގެ އިންސްޕެކްޝަނެއް ހަދާފައިވޭ. އެ އިންސްޕެކްޝަނުން ބައެއް ވެކިއުމް ޕަމްޕުތައް ފެއިލްވެފައި ހުރިކަން ފާހަގަވި. އެކަމާ ގުޅިގެން އެފަދަ ނަރުދަމާ ނިޒާމެއް ހިންގައި، ބެލެހެއްޓުމުގެ ކެޕޭސިޓީ ހުރި ބަޔަކާ ހަވާލު ކުރުމަށް ކައުންސިލަށް ލަފާދިން ނަމަވެސް އޭރު ކައުންސިލުގައި ތިއްބެވި މެމްބަރުންގެ ރިޒަވޭޝަނާއެކު ޔުޓިލިޓީ ކުންފުންޏަކާ ހަވާލު ކޮށްފައެއް ނުވޭ،" ކޮމިޓީން ފާހަގަކުރެއެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ އެރަށު ނަރުދަމާ ނިޒާމްގެ ސިސްޓަމްތައް ފެއިލްވެފައިވުމާއެކު ވިއްސާރަ މޫސުމުގައި ގޭގޭގެ ފާޚާނާގެ ތެރެއިން ފުރިގެން ނަޖިސްއަރާކަމާއި އެފަދައިން އަރާ ނަޖިސް ބާލިދީ ބޭނުންކޮށްގެން ނަގަން ޖެހޭ ކަމަށެވެ. އަދި ވިއްސާރަ މޫސުމުގައި މަގުތަކުގައި ގާއިމްކޮށްފައިވާ ޖަންކްޝަންތަކުން ނަޖިސް ބޭރުވެ، މުޅި ރަށުތެރޭގައި ވެސް ނަޖިސް ފެތުރޭކަން ކޮމިޓީން ފާހަގަކުރެއެވެ.

ކޮމިޓީ ރިޕޯޓުގައިވަނީ ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލު ކުރުމަށް 25 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ ފައިސާ ހަމަޖެހޭ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލު ކުރެވިދާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.

comment ކޮމެންޓް