ކޯސް ފުރިހަމަ ނުކުރި މީހަކު ޕޯސްޓު އޮފީހަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް: އެ އޮފީހުގެ މަސައްކަތްކުރި މުވައްޒަފަކަށް ހަމަޖެއްސި ކޯސް ފުރިހަމަ ނުކުރުމުުން އެކަމަށް ހޭދަވި ފައިސާ ދެއްކުމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/ ޕޯސްޓް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހަމަޖައްސައިދިން ސްކޮލަޝިޕެއް ފުރިހަމަ ނުކުރުމުން އެކަމަށް ޚަރަދުވި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އޭނާ ދެއްކުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ޕޯސްޓުން ދައުވާ އުފުލާފައިވަނީ ދަފްތަރު ނަންބަރު 9953 އަސްމަތުގެ މައްޗަށެވެ.

ޕޯސްޓުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެއީ 2018 ވަނަ އަހަރު އެ އިދާރާގެ މުވައްޒަފަކަށް ހަމަޖައްސައިދިން ކޯހެއް ފުރިހަމަ ނުކުރުމުން އެކަމަށް ހޭދަވި 260,987.19 ރުފިޔާ އޭނާގެ އަތުން ނަގައިދިނުމަށް އެދިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމީ ޕޯސްޓާ ދެކޮޅަށެވެ. އެ ފައިސާ އަސްމަތު ދައްކަން ނުޖެހޭނެ ކަމަށް ބުނެއެވެ.

ސިވިލް ކޯޓުގެ ހުކުމް ޕޯސްޓުން ހައި ކޯޓުގައި އިސްތިއުނާފްކޮށް ބުނެފައިވަނީ އުސްމަތަށް ހަމަޖެއްސި ކޯސް އޭނާ ފުރިހަމަ ނުކުރުމުން ކޯހަށް ޚަރަދުވި ފައިސާ އޭނާގެ އަތުން ހޯދަން ޖެހޭނެ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އެ ފައިސާއިން އެއްވެސް އަދަދެއް ދައްކާފައި ނުވާތީ ކަމަށް ވެސް ޕޯސްޓުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގު ވެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އަސްމަތު ދެއްކުމަށެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުުރައްވާފައެވެ.

comment ކޮމެންޓް