އާ މަޝްރޫއުތައް މަދުކޮށް އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫތަކަށް އަށް ބިލިއަން ރުފިޔާ ބަޖެޓުކޮށްފި

އެޕޯލޯ އިން އަޅާ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

އަންނަ އަހަރު އަލަށް ފަށާ މަޝްރޫތައް މަދުކޮށް، ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫތަކަށް އަށް ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

ކުރިއަށް އޮތް 2023ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މިހާރު ރައްޔިތުންގެ މަޖިލީހަށްވަނީ ހުށަހަޅައިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިހާރު ސަރުކާރުގެ އަމާޒު ހުރީ މިހާރު ކުރިއަށްދާ ނުވަތަ ރާވާފައިވާ މަޝްރޫއުތައް ނިންމައި، އެ މަޝްރޫއުތަކުން އިގްތިޞާދަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށެވެ.

އަލަށް ފަށާ މަޝްރޫތައް މަދުކޮށްފައިވާއިރު، އަންނަ އަހަރު އަލަށް ފަށާނެ މަޝްރޫޢުތަކަށް 483.7 މިލިއަން ރުފިޔާވަނީ ހުށަހަޅައިފައެވެ.

އެގޮތުން ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓުގައި ވާގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ޖުމްލަ 644މިލިއަން ރުފިޔާވަނީ ހުށަހަޅައިފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން 82 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވާއިރު، ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށް 1.4 ބިލިއަން ރުފިޔާވަނީ ހިމަނައިފައެވެ.

ހަމައެއާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހިންގާނެ އެކި މަަޝްރޫއުތަކަށް 738 މިލިއަން ރުފިޔާވަނީ ހިމަނައިފައެވެ. މީގެ އިތުރުން ލަފާ ފުރުމުގެ ދަތިކަމަށް ހައްލުކުރުމުގެ މަސައްކަތްތަކަށް 2.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ސިއްހީ ދާއިރާ ތަރައްގީކުރުމަށް ޓަަކައި ޖުމްލަ 725 މިލިއަން ރުފިިޔާގެ ބަޖެޓެއްް ހުށަހަޅައިފައިވާއިރު ސިއްހީ ޚިދުމަތްތެރިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް ޓަަކައި މަސައްކަތްކުރާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިންގާ އެކި މަސައްކަތްތަކަށް 1.3 ބިލިއަން ރުފިޔާވަނީ ޚާއްސަކޮށްފައެވެ. އަދި ގައުމީ ސަލަމާތާ ގުޅުން ހުރި އެކި ކަންކަމަށް 190 މިލިއަން ރުފިޔާވަނީ ހިމަނާފައިވެއެވެ. މީގެއިތުރުން އިދާރީ ވަސީލަތްތައް ތަރައްގީކުރަން 67 މިލިއަން ރުފިޔާ ހުށަހަޅައިފައިވާއިރު، ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީކުރަން 288 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ހުށަހަޅައިފައެވެ. އަދި އެހެނިހެން ގޮތް ގޮތުން 134 މިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ހިމަނާފައެވެ.

މި އަހަަރަށް ދައުލަތުން ޕީއެސްއައިޕީ މަޝްރޫތަކަށް ޚަރަދުކުރަން ބަޖެޓުކޮށްފައިވަނީ 6.3 ބިލިއަން ރުފިޔާއެެވެ. އެއާއެކު އަންނަ އަހަރަށް އަށް ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ޚާއްސަކުރާއިރު މިއީ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

comment ކޮމެންޓް