އުދައްޔު މަރާލި ކުއްޖާ ކުޑަކުދިންގެ މަރުކަޒެއްގައި ބަންދުކުރަން ހުކުމް ކޮށްފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދިނުމުން މަރުވި އުދައްޔު

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔު މަރާލިކަން ސާބިތުވި ކުޑަކުއްޖާއަށް އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުލަތުން އުފުލި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ އެ ކުއްޖާ 18 އަހަރާއި ނުވަ މަހަަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް މިއަދު އެ ކޯޓުން ހުކުމް ކުރިއެވެ.

މީގެއިތުރުން މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް އަހަރު ތެރޭގައި އެއް މިލިއަން ރުފިޔާ މަރުވި ކުއްޖާގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

މީގެކުރިން ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލަކީ ގަސްތުގައި މީހަކު މެރިކަން ސާބިތުވެއްޖެނަމަ ކުޑަކުއްޖެއް ވިޔަސް މަރުގެ ހުކުމް އިއްވުމެވެ. ނަމަވެސް މަޖިލީހުން ފާސްކުރި ކުޑަކުދިންގެ އަދުލުގެ ގާނޫނުން އެއީ މަނާ ކަމެކެވެ.

އެ މަރާމާރީގައި އެހެން މީހަކަށް ތޫނުއެއްޗަކުން ހަމަކާދިންކަން ސާބިތުވެ ހަ އަހަރާއި އަށް މަސްދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި އެ ކުއްޖާ ބަންދުކުރުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަޙްމަދު ޝަމީމާއި ހަމަ އެރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުޙައްމަދު މާޒިންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފައެވެ.

އެ މީހުންގެ ޝަރީއަތް އަދި ނުނިމެއެވެ.

comment ކޮމެންޓް